ޚަބަރު

ސީއޭއެފްގެ ޖެނެރަލް ސެކްރެޓަރީ އިސްތިއުފާ ދީފި


އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާ, ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް)ގެ ޖެނެރަލް ސެކްރެޓަރީ ވެރޮން މޮސެންގޯ އޮމްބާ މަގާމުން އިސްތިއުފާ ދީފި އެވެ.

މޮސެންގޯ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާ ރިޓަޔާ ކުރަން ނިންމުމަށްފަހު މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

ނަމަވެސް މޮސެންގޯ މިފަދަ ބަޔާނެއް ކުއްލި ގޮތަކަށް ނެރެފައިވަނީ ނިމިގެންދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގާލް އަތުން އަތުލުމަށްފަހު މޮރޮކޯ އަށް ދިނުމަށް އެ އިދާރާއިން ނިންމުމާއި ގުޅިގެން އެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓަށް ސެނެގާލް އިން ހުށައަޅާފައިވަނިކޮށެވެ.

އުމުރުން 66 އަހަރުގެ މޮސެންގޯގެ ބަޔާނުގައި ބުނެފައިވަނީ އެ އިދާރާގެ ހިންގުމާއި އަދި އެ އިދާރާގެ މަސައްކަތްތަކާއި ގުޅިގެން އޭނާއަށް އަމާޒުވެފައިވާ ފާޑު ކިއުންތަކަށް ނިމުމެއް ދެން އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެފްރިކާގެ ފުޓްބޯޅައަށް ކުރިއަށްވުރެ ފާގަތި ދުވަސްތަކަކަށް އެދޭ ކަމަށެވެ.

މޮސެންގޯ އަށް 66 އަހަރު ވެފައިވާއިރު އެ އިދާރާގެ ރިޓަޔަރމަންޓް އުމުރެއްގެ ގޮތުގައި ހިމެނިފައިވަނީ 63 އަހަރެވެ. ނަމަވެސް އޭނާ އެ މަގާމުގައި ދެމި ހުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.

2021 ވަނަ އަހަރުގެ މާޗު މަހު މަގާމާއި ހަވާލުވި މޮސެންގޯގެ ބަދަލުގައި ދެން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ހަވާލުވާނީ ކޮމްޕެޓިޝަންސް ޑިރެކްޓަރގެ މަގާމުގައި ހުރި ސެމްސަން އަޑަމޫ އެވެ.

އެފްކޮންގެ ފައިނަލް މެޗުގެ ފަހު ވަގުތު މޮރޮކޯ އަށް ޕެނަލްޓީއެއް ދިނުމާއި ގުޅިގެން ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި 14 މިނިޓަށް މެޗުގެ ކުޅުން މެދު ކަނޑާލާފައިވާއިރު މެޗުގެ ފަހު ވަގުތު ސެނެގާލް އިން ޖެހި ލަނޑު އެ ޓީމަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ލިބިފަ އެވެ.

ނަމަވެސް އެ މައްސަލަ މޮރޮކޯ އިން ސީއޭއެފް އަށް ހުށައެޅުމުން އެ މައްސަލަ ބެލުމަށްފަހު ސެނެގާލް އެ މެޗުން ބަލިވި ކަމަށް ނިންމާ މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯއަށް ދިނުމަށް ވަނީ ނިންމާފަ އެވެ.