އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފިޓްނެސް ސެންޓަރުތައް ހިމެނޭހެން މުޅި ރާއްޖޭގެ ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮފީ ވިތް ރައީސްގެ ނަމުގައި ޒުވާނުންނާއެކު ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާބާދީ ބޮޑު ސަރަހައްދުތަކުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރަމުން އަންނައިރު އެންމެ އާބާދީ ބޮޑު ސަރަހައްދަކީ މާލެ ސަރަހައްދު ކަމުން ފުޓްސަލް ކޮމްޕެލްސްގެ މަސައްކަތް ކުރިޔަށް ގެންދަނީ މާލެ ސަރަހައްދުގައި ކަމަށެވެ.
އަދި އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ މަސައްކަތް ގާތްގަނޑަކަށް އެ ވަނީ ނިމިފައިކަމަށާއި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވަރަށް އަވަހަށް މާލޭ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައި ބޯލިން އެރީނާއެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އެމަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
”ފިއު މަންތްސް ތެރޭގައި މަސައްކަތް ފެށޭނެ. މިއަހަރުގެ ސެކަންޑް ކުއާޓާ ތެރޭގައި، ބޯލިން އެރީނާ، އާކޭޑް ސެންޓަރ އަދި އިންޑޯ ފުޓްސަލް އާއި އިންޑޯ ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް، އަދި ޕްލޭޕާކްގެ މަސައްކަތްވެސް ވަރަށް އަވަކަށް ފެށޭނެ، މިހާރު އޮތީ ފައިނަލް ސްޓޭޖުގައި“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އީ-ގޭމިން ސްޓޭޑިއަމްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އީ-ގޭމް ސްޓޭޑިއަމް ހުންނާނީ ސަލްޓަންފާކުގައި، ކުރިން ސްނޯޕާކް ހުރި ތަނުގައި ކަމަށެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ އަދި އާބާދީގައި 3000 މީހުންނަށްވުރެ ގިނަ ރަށްތަކާއި ސިޓީތަކުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަސައްކަތްވެސް ކުރިޔަށްދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގާތްގަނޑަކަށް ވިއްސަކަށް ރަށުގައި އެމަސައްކަތް ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ.
ތަރައްޤީކުރާ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ފިޓްނަސް އެންޑް ރިކްރިއޭޝަނަލް ސެންޓަރުތަކެއް ހުރިހާ ރަށެއްގައި ގާއިމު ކުރަމުން ދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވަނީ މި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ޒުވާނުންނާ ހިއްސާ ކުރައްވާ، މި މަޝްރޫއުތަކުގެ ކުރެހުންތަކުގެ ފޮޓޯތައްވެސް އާންމުކުރައްވާފައެވެ.
ރައީސްގެ ތަސައްވަރާއި އެއްގޮތަށް ޒުވާނުންނާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ދުޅަހެޔޮ އަދި އިޖްތިމާއީ ގޮތުން ބަދަހި މުޖުތަމައުތަކެއް ބިނާކުރުމަށް ކުރެވޭ މި މުހިންމު މަޝްރޫތަކުގެ މަސައްކަތްތައް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ތަސައްވަރާއިއެކު ކުޅިވަރާއި މުުނިފޫހިފިލުމުގެ ދާއިރާއިން ބޭރު ގައުމުތަކުން ލިބެން ހުންނަފަދަ ހިދުމަތް މުޅިން އަލަށް ރާއްޖޭގައި ގާއިމުވެގެން އަންނައިރު މިއީ ގްރޭޓަރ މާލެ ސަރަހައްދާއި، އާބާދީ ބޮޑު ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ މުހިންމު ވަސީލަތްތަކަށް ވެގެންދާނެއެވެ.