ސަލްޓަން ޕާކުގައި ކުރިން ސްނޯ ޕާކް ހުރިތަނުގައި އީ ގޭމިން ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތްތައް ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އީ ގޭމްސް ސްޓޭޑިއަމް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 40 އަށްވުރެ ގިނަ ގޭމިން ސްޓޭޝަނާއި އެކުގައެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަން ޚާއްސަ ޓޯނަމަންޓު އެރީނާއަކާއި، ސްޓްރީމިން އާއި ބްރޮޑްކާސްޓު ކުރެވޭނެ ވަސީލަތްތަކާއެކު ޤާއިމުކުރާ މީޑިއާ ރޫމެއް ހިމެނެއެވެ.
މިއީ ރާއްޖޭގައި އީ-ސްޕޯޓްސްގެ ކުޅިވަރު އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޒުވާނުންނާއެކު ކުރަމުން މަސައްކަތުގެ ދަށު މި ސަޓޭޑިއަމް އެޅުމުގެ މަސައްކަތް ފަށާނީ މިއަހަރުގެ ދެވަނަ ކުއަރޓަރގައެވެ.
މި މަޝްރޫޢަކީ ސަރުކާރުން މިމަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަޝްރޫއެވެ.
ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިންޓަނެޓްގެ ޒަރިއްޔާއިން ކުޅޭ ގޭމުތަކަށް ބޮޑު ތަރުޙީބެއް އޮންނައިރު މިހާރު މާލޭގައި އީ ގޭމިންއަށް ޚާއްސަކޮށް ހަދާފައިވާ ހަމައެކަނި ތަނަކީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު، މުލިއާގެ ވެހިކަލް ގަރާޖެއްގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތެވެ. މިހާރު އެތަނަކީ ޒުވާނުންގެ ވެހި، ނުވަތަ ޔޫތް ތާރޑް ސްޕޭސްއެވެ.
އިންޓަރނެޓްގެ ޒަރިއްޔާއިން ކުޅޭ ގޭމު މުބާރާތްތައް ބޭއްވުމަށްވެސް މިހާރު ބޭނުން ކުރަމުން އަންނަ "ޒުވާނުންގެ ވެހި" އެކި ބޭނުންތަކަށް އެތަން ބޭނުންކުރެއެވެ.
އީ ގޭމިންއަށް އޮންނަ ޑިމާންޑާއި އެއްވަރަށް ވަސީލަތްތައް ނެތުމުގެ ދަތިކަން ޒުވާނުން، ރައީސް އާއި ޙިއްސާކުރެއްވުމުން ރައީސް އެތަން ޒުވާނުންގެ ވެހީގެ ގޮތުގައި ހަމަޖައްސަވައިދެއްވީ 20 ނޮވެމްބަރު 2025 ގައެވެ.
އެތަނުގައި އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓަރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބާއްވައެވެ. މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސާފައިވެއެވެ.
މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުންދިޔަ އިމާރާތުގައި "ޔޫތު ތާރޑް ސްޕޭސް" ގާއިމުކުރުމަށް ނިންމައި، އިޢުލާންކުރެއްވީ 18 ނޮވެންބަރު 2024 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް އެތަން ބަދަލުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުންނެވެ.