ޚަބަރު

"މިއީ ނިމުމެއް ނޫން، ޒުވާން ޓީމަށް އަންނަ ކުރިއެރުން ފެންނާނެ"


  • ކުރިއަށް އޮތްތަނުގައި ޓީމުގެ ފަރާތުން ސަޕޯޓަރުން އުންމީދުކުރާފަދަ ކުރިއެރުްންތަކެއް ފެންނާނެކަމަށް ބުނި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރަނގަަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް، ކުރިއަށްއޮތްތަނުގައި ޒުވާން ޓީމުގެ ފަރާތުން ސަޕޯޓަރުން އުންމީދުކުރާފަދަ ކުރިއެރުްންތަކެއް ފެންނާނެކަމަށް ޒުވާން ޤައުމީ ޓީމުގެ ކެޕްޓަން އަދި ތަރި، މުޙައްމަދު އިލާން އިމްރާން ބުނެފިއެވެ.

މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ، އެއް މެޗުން ވީ ބައްޔާއެކު ރާއްޖެއަށް ވަނީ މުބާރާތް ނިމިފައެވެ.

މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ރާއްޖޭގެ ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް، ޤައުމީ ކޯޗު އިސްޓަވާން އުރުބާނީ ވެސް އަދި މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުގެ ކޯޗުން ވެސް އަންނަނީ ތައުރީފު ކުރަމުންނެވެ. އަދި މެޗުތަކުގައި ނަތީޖާ ނުނެރެވުނު ނަމަވެސް، ދަނޑުމަތީގައި ކުޅުންތެރިން ދައްކާ ކުޅުމަށް، ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރުން ވެސް އަންނަނީ ތައުރީފު ކުރަމުންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލާއި ވާދަކޮށް ރާއްޖެ 1-1 އިން އެއްވަރުވިއިރު، މެޗުގައި ރާއްޖޭގެ ލަނޑު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އިލާންއެވެ. އަދި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ދެ ލަނޑު ވެސް ޖަހައިދިނީ އިލާންއެވެ.

ނޭޕާލް މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އިލާން ބުނީ، މި މުބާރާތަށް ތައްޔާރުވާން ލިބުނީ މަދު ދުވަސްތަކެއް ނަމަވެސް، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް، ރަނގަޅު ތައްޔާރީތަކެއް ވެވުނު ކަމަށެވެ.

ރާއްޖެއިން ކުޅުނު ތިން މެޗުގައި ވެސް ދިވެހި ސަޕޯޓަރުން މުޅި ދަނޑު ފުރާލަދިންކަން ފާހަގަކުރަމުން އިލާން ވަނީ މުޅި ޓީމުގެ ނަމުގައި ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އިލާން ވަނީ ޓީމާ މެދު އުއްމީދު ކަނޑާނުލަން އެދި، މުހިންމު މެސެޖެއްވެސް އޭނާ ދިނެވެ.

"މިއީ އަދި ނިމުމެއް ނޫން. މިއީ އަދި ފެށުމެއް. އިންޝާ ﷲ އަންނަ އަހަރުވެސް، މި އަހަރުވެސް އޮންނަ މުބާރާތްތަކުގައި އަހަރުމެން އިތުރަށް މަސައްކަތްކޮށް، އަހަރުމެން އިތުރަށް ކުރިއެރުން ފެންނާނެ". މުޅި މުބާރާތުގައި ވެސް، ދިވެހިން ފަޚުރުވެރިވާ ފަދަ މޮޅު ކުޅުމެއް ދެއްކި އިލާން ބުންޏެވެ.

އިލާން ބުނީ، ފުރަތަމަ ދެ މެޗާއި އަޅާ ބަލާއިރު ނޭޕާލް މެޗުގައި ދިވެހި ޓީމު ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރަށް ޓީމު ރަނގަޅުވާނެކަމުގެ އުއްމީދު އެބައޮތްކަމަށްވެސް އޭނާ ބުންޏެވެ.

"މިއީ ސްޓެޕް ބައި ސްޓެޕް ޕްރޮސެސްއެކޭ ދެންނެވޭނީ. ކުއްލިަކަށް އެއްރޭ ތެރޭ މޮޅެއް ނުވެވޭނެ ސާފް ޗެމްޕިއަންޝިޕަކުން. މިއީ މަޑުމަޑުން ކުރިއެރުން ހޯދަމުން ކުރެވޭނެ ކަމެއް". ކުރިއެރުމާއި ކާމިޔާބީ ހޯދުމަށް ޒުވާން ޓީމުން ކުރަމުންދާ މަސައްކަތަށް އިތުބާރުކުރަން އެދި އިލާން ބުންޏެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާއިން ރާއްޖެ ބަލިކުރީ ރާއްޖެއިން ދެ ލަނޑު ޖަހައި ލީޑުގައި އޮތްވާ، ފަހަތުން އަރައި 3 ލަނޑު ޖަހައިގެނެވެ.

ދެވަނަ މެޗުގައި ބޫޓާނާޢި ބައްދަލުކުރިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ފަހު މެޗުގައި ނޭޕާލާއި ދެކޮޅަށް ކުޅެ، ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ރާއްޖެއިން ލަނޑުޖަހައި ލީޑުނެގިއިރު، މެޗުން ރާއްޖެއަށް ތިން ޕޮއިންޓު ގެއްލުނީ މެޗުގެ 86 ވަނަ މިނެޓުގައި ނޭޕާލުން ޖެހި ލަނޑާއެކުއެވެ.