ޚަބަރު

ފްރާންސް އަތުން ބްރެޒިލް ބަލިވެއްޖެ


އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ފްރާންސް އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވެއްޖެ އެވެ.

އެމެރިކާގެ މަސަޗޫސެޓްސްގެ ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ބްރެޒިލް ނިކުތްއިރު ކޯޗު ކާލޯ އެންޗެލޯޓީ އެ ޓީމު ނެރެފައިވަނީ މުޅިން ތަފާތު ފޯމެޓަކަށެވެ. އެގޮތުން ވިނިޝިއަސް ޖޫނިއާ އާއި ރަފީނިއާގެ އިތުރުން ގެބްރިއެލް މާޓިނޭލީ އަދި މެތިއުސް ކޫނިއާ އަށް ވަނީ އެއް ފަހަރާ ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 32 ވަނަ މިނިޓުގައި ފްރާންސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އުސްމާން ޑެމްބެލޭ ދިން ޕާހަކުން ކިލިއަން އެމްބާޕޭ އެވެ.

އެމްބާޕޭ ޖެހި މި ލަނޑާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 95 ލަނޑު ޖަހައިދީފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހައިދީފައިވަނީ 137 މެޗުން 57 ލަނޑު ޖަހައިދީފައިވާ އޮލީވިއާ ޖިރޫ އެވެ. އެމްބާޕޭ 56 ލަނޑު ޖަހައިދީފައިވަނީ އެންމެ 94 މެޗުންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ފްރާންސްގެ ޑިފެންޑަރ ޑަޔޯ އުޕަމެކާނޯ އަށް ރެފްރީ ވަނީ ރަތްކާޑު ދަނޑުން ފޮނުވާލާފަ އެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ އެންމެ ފަހަތުގައި ހުރި ކުޅުންތެރިޔާގެ ގޮތުގައި ހުރެ ބްރެޒިލްގެ ވެސްލީ އަށް އޭރިޔާ ބޭރުން ފައުލް ކުރުމާއި ގުޅިގެންނެވެ.

ފްރާންސް އިން އެއް ކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް މެޗުގެ 65 ވަނަ މިނިޓުގައި ހޫގޯ އެކިޓީކޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ބްރެޒިލް އިން މި މެޗުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި ލުއިޒް ހެންރީކޭ ނަގައިދިން ހުރަހަކުން ބްރޭމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.