ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލުމަށް ދާ ފަރާތްތަކުން ވޯޓުލާ މަރުކަޒެއް ވެއްދޭނެ ތަކެތި އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން އިންތިޚާބުތަކާއެއްގޮތަށް ކުރިއަށް އޮތް އިންތިޚާބުގައިވެސް ވޯޓުލާ މަރުކަޒުތަކަށް ވޯޓުލާންދާ ފަރާތްތަކުން މިކަމުގައި ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ކުރިއަށްދާއިރު ވޯޓުލާ މަރުކަޒަކީ އެތަނުގައި ރައްޔިތުން ލާ ވޯޓުގެ ސިއްރު ހިފެހެއްޓުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ތަނެކެވެ. އެތަނުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކުން ޤާނޫނުތަކާއި ގަވާއިދާ ޚިލާފުވުމަކީ މަނާކަމެކެވެ.
ވޯޓުލުން ކުރިއަށްދާ ވަގުތު ވޯޓުލާ މަރުކަޒުގެ ތެރޭގައި ވޯޓުލާންދާ މީހާ އާއި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ހަރަކާތްތެެރިވާނެއެވެ. މީގެން ކޮންމެ މީހަކަށްވެސް އެ މީހަކު އަދާކުރާ ރޯލާ ގުޅިގެން މަރުކަޒަށް ވެއްދޭނެ ތަކެއްޗާއި ނުވެއްދޭނެ ތަކެތި ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަ ކޮންމެ މީހަކަށްވެސް ވޯޓުލާ މަރުކަޒުތެރެއަށް ވެއްދޭނީ އެ މީހާގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓު ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިންސަންސް ކާޑާއި ނޫކުލައިގެ ދެލީގެ އާދައިގެ ގަލަމެއް އެކަންޏެވެ. ވޯޓުލާންދާ ފަރާތްތަކުން ވޯޓުލާ މަރުކަޒުގެ ތެރެއަށް އަތްދަބަހާއި ފައިލާއި އަޑާއި މަންޒަރު ރެކޯޑު ކުރެވޭ އެއްވެސް އެއްޗެއް ވެއްދުމަކީ މަނާކަމެކެވެ.
މަރުކަޒުގައި ހަރަކާތްތެރިވާ މޮނިޓަރުންނަކީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގާ މީޑިއާތަކުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ފަރާތްތަކެވެ. އެ ފަރާތްތަކަށް ޓުލުމުގެ ކަންތައްތައް މޮނިޓަރުކުރުމަށްޓަކައި ވޯޓުލާ ސަރަޙައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ޙަރަކާތްތެރިވެ ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑުކުރުމުގެ ހުއްދަ ދީފައިވާތީ އެ ފަރާތްތަކަށް މޯބައިލް ފޯނާއި ކެމެރާ، ލެޕްޓޮޕް، ޓެބްލެޓް އަދި ނޯޓްޕެޑް ފަދަ އެއްޗެއް ވެއްދުމުގައި ހުރަހެއް ނޯންނާނެއެވެ.
މީގެ އިތުރުން އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އެ ފަރާތްތަކުގެ ރޯލާ ގުޅުންހުރި ތަކެތި ވޯޓުލާ މަރުކަޒުގެ ތެރެއަށް ވެއްދުމުގެ ހުއްދަ ލިބެއެވެ. މީގެ ތެރޭގައި ގަލަމާއި ކަރުދާހާއި ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާއި ފައިލާއި ފޯނު ނުވަތަ ޓެބްލެޓްފަދަ ތަކެތި ވެއްދުމުގެ ހުއްދަ ލިބޭނެއެވެ.
މޮނިޓަރުންނާއި އޮބްޒާވަރުންނާއި މަންދޫބުންނަށް ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުނުނަމަވެސް ވޯޓުލާން ދާއިރު އެފަދަ ތަކެތި ވެއްދުން މަނާވާނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާއިރު އެއްވެސް ރައްޔިތެއްގެ ވޯޓުލުމުގެ ޙައްގު ގެއްލޭގޮތަށް އަމަލުކުރުމަކީ މަނާކަމެކެވެ.