ޚަބަރު

މާރަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު

ހއ. މާރަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

މާރަންދޫގައި ޤާއިމްވެގެން މިދިޔީ މި ސަރުކާރުން ލެބޯޓަރީނެތް ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާ މަޝްރޫގެ ދަށުން 14 ވަނަ ލެބޯޓަރީއެވެ.

މާރަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، މާރަންދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މާރަންދޫގެ ސިއްޙީ މަރުކަޒުގައި މިހާރު ޚިދުމަތް ދެމުން އަންނަނީ އެންމެ 16 ގަޑިއިރަށެވެ. 3 އެނދުގެ ވޯޑެއް ހިމެނޭއިރު އެ ރަށަށުގައި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ދިއްދޫއަށް ޓެސްޓުހެދުމަށް ފޮނުވައިގެން ވަގުތުތަކެއް ހޭދަވާކަމަށާއި އެހެންނަމަވެސް ލެބޯޓްރީގެ ޚިދުމަތާއެކު މިކަމަށް ހައްލު ލިބިގެންދާނެކަމަށް މާރަންދޫ ސިއްޙީ މަރުކަޒުން ވިދާޅުވިއެވެ. އަދި މިއީ އަމިއްލަ ރަށުގައި ތިބެގެން ޓެސްޓުތައް ހެދުމުގެ މަގުފަހިވެ، ރައްޔިތުންނަށް ލިބޭ ލުއިފަސޭހައެއްކަމަށް ވިދާޅުވިއެވެ.

މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ސިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.