ޚަބަރު

ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީއަށް


  • ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 އެޕާޓްމަންޓު

  • މަޝްރޫޢު ހަވާލުކޮށްފައިވަނީ 480 ދުވަސްތެރޭ ނިންމާ ގޮތަށް

ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރު އެވެ.

މި މަޝްރޫޢުގެ ދަށުން ހދ. ވައިކަރަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 އެޕާޓްމަންޓް ހިމެނޭ ހައުސިންގ ޔުނިޓްތަކެކެވެ. މިއީ އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢު ނިންމުމަށް އެޗް.ޑީ.ސީ އަށް ދީފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ.

ވައިކަރަދޫގެ މި މަޝްރޫޢަކީ ރަށްރަށުގެ އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަން އިތުރުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫޢެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޗްޑީސީއިން މިހާރުވެސް ދަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.