"ބިންވެރިޔާ" ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުންގެ ތެރެއިން، ވަކިން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާ ތާރީޚު ފަސްކޮށްފިއެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލުމަށް ނިންމާފައިވަނީ، އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު މިމަހުގެ 24ވަނަ ދުވަހު ހުޅުވާލުމަށް މީގެ ކުރިން ވަނީ ނިންމާފައެވެ.
ނަމަވެސް، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، ބިންވެރިޔާ ޚާއްޞަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚު 01 އެޕްރީލް ވާ ބުދަ ދުވަހުގެ ހެނދުނު 11:00އަށް ލަސްކޮށްފައިވާ ކަމަށެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިގޮތަށް ފުރުޞަތު ދޭން ނިންމީ ޖޮއިންޓްކޮށް ގޯތި ލިބުނު ބައެއް މީހުން އެގޮތަށް އެދެމުންދާތީއާއި، ކޮންމެ އާއިލާއަކަށްވެސް ވަކި ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިއީ ގިނަ ބައެއްގެ އެދުމުގެ މަތިން ނިންމެވި ނިންމުމެއް ކަމަށެވެ.
މި އުސޫލުގެ ދަށުން ކުރިމަތިލެވޭނީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ލިބިފައިވާ މީހުންނަށެވެ. ނަމަވެސް، ވަކިން ގޯއްޗަށް ކުރިމަތިލެވޭނީ، ކުރިން ލިބިފައިވާ ގޯތި ދޫކޮށްލާނެ ކަމަށް އިޤުރާރުވުމުންނެވެ. މި ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ، ރަސްމާލެއިން 1250 އަކަފޫޓުގެ ގޯއްޗެވެ.
މި ސްކީމް ބަހާލާފައިވަނީ، މައިގަނޑު ދެ ކެޓަގަރީއަކަށެވެ. ކެޓަގަރީ 1 އަކީ، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. މި މީހުން ގޯއްޗަށް އެދި ހުށަހަޅަންވާނީ، ޖޮއިންޓުކޮށް އެއް އެޕްލިކޭޝަނެކެވެ.
ކެޓަގަރީ 2އަކީ، ކުރިން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނެވެ. މި ކެޓަގަރީން ކުރިމަތިލާ މީހުންނަށް ގޯތި ލިބި، އެ ގޯތި ޙަވާލުކުރުމާއެކު، ކުރިން ލިބިފައިވާ ފުލެޓު ދޫކޮށްލާނެ ކަމަށް އެއްބަސްވެ އިޤުރާރުވާން ޖެހޭނެއެވެ.
މި ދެ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ އުސޫލާއި ޕޮއިންޓް ދޭނެ ގޮތް މިހާރު ވަނީ، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ފޯމު ހުށަހަޅަން ޖެހޭނީ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.