ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީ.އެސް.އޭ) އަކަށް "މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑް" އައްޔަނުކޮށްފިއެވެ.
މިއީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވިއަން އިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.
މޯލްޑިވިއަން ދަނީ ވައިޑް-ބޮޑީ އޭ330-200 މަރުކާގެ ބޯޓުގައި ޗައިނާއަށް ދަތުރުތައް ބާއްވަމުންނެވެ. މިދިޔަ އަހަރުގެ ޖަނަވަރީމަހު ފެށި މި ދަތުރުތަކާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.
A new chapter in our China journey. We are proud to appoint MEGACAP Aviation Services Ltd as our General Sales Agent in China, bringing dedicated local support for chinese travellers, travel trade partners, group bookings, and everything in between. The Maldives is closer than… pic.twitter.com/O6iWgdsQNg
— MaldivianAero (@MaldivianAero) March 21, 2026
މޯލްޑިވިއަން އިން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓަކަށް މެގަކެޕް އައްޔަންކުރުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، ޗައިނާއަކީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި އިސްކަންދޭ މާކެޓެއް ކަމަށެވެ. އަދި މެގަކެޕް އައްޔަނުކުރުމަކީ އެ މާކެޓަށް މޯލްޑިވިއަން އިން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށާއި، އެ ކުންފުންޏާ ގުޅިގެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އިތުރު ޗައިނާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ވިދާޅުވީ މެގަކެޕްގެ ތަޖުރިބާގެ އަލީގައި ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިވެ، މޯލްޑިވިއަންގެ މަގުބޫލުކަން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމަކާއެކު، ޖުމްލަ 329,110 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 14.6 އިންސައްތައެވެ. މި އަހަރުގެ މާރިޗު މަހުގެ މެދާ ހަމައަށް ވެސް 86,464 ފަތުރުވެރިން ޗައިނާއިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މާކެޓް ހިއްސާގެ 15.6 އިންސައްތަކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.