ޚަބަރު

ޖަމީލާގެ އުއްމީދަކީ ހުރިހާ ދަރިން ޙައްޖާއި ޢުމްރާކުރުން


  • މައްކާގެ ބިމަށް ނާންނަ ކޮންމެ ދަރިއަކަށް އެމަގު ފަހިވުމަށް ޖަމީލާ އެދޭ

  • މާތްވެގެންވާ ބިމަށް އައުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވި

ޙައްޖު އަދި ޢުމްރާއަށް ދިޔުމުގެ ފުރުޞަތު އެއްފަހަރު ލިބޭ މީހަކު އެއަށްފަހު މައްކާ އަދި މަދީނާގެ މާތް ބިމަށް ދިޔުމަށް ލޯބިކުރެއެވެ. އިތުރު ފުރުޞަތެއް ލިބޭތޯ ދުޢާކޮށް މަސައްކަތްކުރެއެވެ. އެފަދަ އެކަކީ ލ. ގަމަށް އުފަން ޖަމީލާ ޢަބްދުﷲއެވެ.

ޖަމީލާ ޢަބްދުﷲ ޙައްޖަށް އައީ ރާއްޖެއިން މީހުން މަދު ފައިސާކޮޅެއްގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދުވަސްވަރުގައެވެ. 11500 ރުފިޔާ އެއީ މިހާރަށް ބަލާއިރު މަދު ފައިސާކޮޅެއް ނަމަވެސް، އެއީ އޭރުވެސް ބޮޑު ޢަދަދެކެވެ. ލިބުނު 12 ދަރިންގެ ތެރެއިން ދުނިޔޭގައި ތިބި 9 ދަރިން ބަލަމުން، ފިރިމީހާއާއި ދެމީހުން ފައިސާ ރައްކާކޮށްގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އައީ މައްކާގެ ބިމަށެވެ. އެއަށްފަހު ދެން މަސައްކަތް ކުރީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށެވެ. މިއީ ޖަމީލާގެ 2 ވަނަ ޢުމްރާ ދަތުރެވެ. ކޮންމެ ފަހަރަކުވެސް ޢުމްރާގެ ދަތުރު ނިމެނީ އަނެއް ދަތުރަށް އައުމަށް ހިތުގައި ނިޔަތް ގަންނަމުންނެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިފައިވާ ޖަމީލާގެ މިހާރުގެ އޮތީ ވަރުގަދަ ޢަޒުމެކެވެ. މިބިމަށް އައުމާއެކު އޭނާއަށް ލިބިގެންދިޔަ ހިތްހަމަޖެހުން އޭނާގެ ޢާއިލާގެ އެހެން މެމްބަރުންނަށްވެސް ލިބިގެން ދިޔުމެވެ. އެހެންކަމުން ހުރިހާ ދަރިންނާއި، މާމަ ދަރިންނަށް މައްކާގެ މާތް ބިމަށް އާދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ މިހާރު ޖަމީލާގެ ހިތުގައި އޮތް ޚާއްސަ މަޤްސަދެކެވެ.

"ދައްތަ ޤަސްތުކުރަނީ ދައްތަގެ ހުރިހާ ދަރިންވެސް، މާތްﷲގެ އިރާދަފުޅުން މިބިމަށް އައުން. އިރާދަކުރެއްވިއްޔާ ދައްތަ ގަދަވެ ސަލާމަތުން ދުނިޔޭގައި ލަހައްޓަވައިފިއްޔާ ދައްތައަށް ވެވުނު ވަރަކުން ކުދިންނަށް ކޮންމެވެސް ވަރެއް ދީގެންނަމަވެސް އަދި އެކުދިން އަމިއްލަ މަސައްކަތުން ނަމަވެސް ބަލާނީ ކޮންމެ އަހަރަކު ކުއްޖަކު މިބިމަށް ފޮނުވޭތޯ." ޖަމީލާ ޢަބްދުﷲ ބުންޏެވެ.

ޖަމީލާގެ މިދަތުރުގެ އެންމެ އުފާވެރި ކަމަކީ އޭނާގެ މާމަދަރިންނެވެ. ޙަރަމަށާއި ބޭރަށް ދާއިރު ޖަމީލާގެ އެންމެ ގާތުގައި އެކުދިން ތިބެނީ އޭނާގެ ރައްކާތެރިކަމަށް ވިސްނައިގެންނެވެ. ޢުމްރާއަށް މިހާރު އައިސް ކުރެވޭ އެންމެ ބޮޑު ތަފާތު އިޙްސާސަކީ މީހުން ގިނަވެ، ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޮޑު ހިތްވަރެއް ކުރަންޖެހުންކަމަށް އޭނާ ފާހަގަކުރިއެވެ.

އަދުގެ ޒުވާނުންނަށް ޖަމީލާގެ އޮތީ އެންމެ ނަސޭޙަތެކެވެ. ފައިސާކޮޅެއް ރައްކާކޮށްގެން އަވަހަށް މައްކާގެ މާތް ބިމަށް އައުމަށް މަސައްކަތް ފެށުމުގެ ނަސޭޙަތެވެ. ޙަގީގީ މަންޒިލަކީ މިއީ ކަމުގައި ޤަބޫލުކޮށްގެން މަސައްކަތްކުރުމަށް ނަސޭޙަތްތެރިވިއެވެ.