ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުއާޓަރ ފައިނަލަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ޕީއެސްޖީ އިން ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ބުރުގައި ރޭ ޗެލްސީ އާއި ދެކޮޅަށް ދެވަނަ ލެގުގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 8-2 ގެ އެގްރިގޭޓް ނަތީޖާއަކުން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކުރުމަށްފަހުގަ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ރޭ ކުޅުނު މެޗަށް ނިކުތްއިރުވެސް 5-2 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެފައިވާތީ އެ ޓީމަށް އޮތީ ގިނަ ލަނޑުތަކެއް ޖަހަން މަޖުބޫރުވެފަ އެވެ.

ނަމަވެސް މެޗުގެ 6 ވަނަ މިނިޓުގައި ޗެލްސީގެ ޑިފެންޑަރ ސާރ ހެދި ގޯހެއްގެ ފައިދާ ނަގާ ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީ އަށް ކުރި ހޯދަދީފަ އެވެ. މި ލަނޑާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 7 އަށް އަރާފަ އެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 14 ވަނަ މިނިޓުގައި ޗެލްސީގެ މިޑްފީލްޑަރ ކައިސޭޑޯ އަތުން ގެއްލުނު ބޯޅައަކުން ބްރޭޑްލީ ބާކޮލާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ޕީއެސްޖީ އިން ދެ ލަނޑުގެ ލީޑެއް ނެގުމާއިއެކު ޗެލްސީ އިން ވަނީ ލަނޑުތަކެއް ޖެހުމަށް އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ލިއާމް ޑެލަޕް އާއި ގަރްނާޗޯގެ އިތުރުން ލާވިއާ ކުޅެން އެރުވި ނަމަވެސް ޕީއެސްޖީގެ ގޯލު ހުޅުވޭގޮތް އެޓީމަށް ވަނީ ނުވެފަ އެވެ.