ލުބްނާނުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާތައް އަމާޒުކުރަމުންދާތީ، އދއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފަށައި، އެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ ވަނީ އަވަހާކޮށްލައިފައެވެ. އެއާއެކުއީރާނާ ގާތް ގުޅުމެއް ބާއްވާ ޙިޒްބުاللهއިން މާރިޗު މަހުގެ 2ވަނަ ދުވަހު ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފައެވެ.
އެއާއެކު، ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ވަނީ ލުބްނާނާ ދެކޮޅަށް ވެސް ވަރުގަދަ ޢުދުވާނެއް ފަށައިފައެވެ.
އދގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ޔަހޫދީން ދަނީ ލުބްނާނުގެ މީހުން ދިރިއުޅޭ، ބައިބޯ ސަރަޙައްދުތަކަށް އަމާޒުކޮށް، ގަސްދުގައި ޙަމަލާތައް ދެމުންނެވެ.
މިގޮތުން، ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތައް އެކީގައި ސުންނާފަތިކޮށް، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އާއިލާތަކެއް އެކީގައި ޝަހީދުކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ، އޭނާ ވިދާޅުވި ގޮތުގައި، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުގެ ދަށުން ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.
ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 886އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 111 ކުޑަކުދިންނާއި 67 އަންހެނުން ހިމެނޭކަމަށް ލުބްނާނުގެ ސިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.
އދއިން ބުނި ގޮތުގައި، އެ ޙަމަލާތަކުގައި ޒަޚަމްވެ، ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު އިތުރުވެ، ޢާންމު ރައްޔިތުންނަށް ވަރަށް ނިކަމެތި އަދި ބިރުވެރި ޙާލަތެއް ވަނީ ކުރިމަތިވެފައެވެ.
ޔަހޫދީންގެ މި ޢުދުވާނުގައި ލުބްނާނުގެ އާބާދީ ފަސްބައިކުޅަ އެއްބައި މީހުން މިހާރުވެސް ގެދޮރު ގެއްލި، މަގުމަތިވެފައިވާކަމަށް އދއިން ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އެތައް ގުނައަކުން އިތުރުވުމުގެ ކަންބޮޑުވުންވެސް އދއިން ވަނީ ފާޅުކޮށްފައެވެ.
ލުބްނާނަށް ދެމުންދާ ލާއިންސާނީ ވައިގެ ޙަމަލާތަކުގެ އިތުރުން، ޔަހޫދީން މިހާރު ދަނީ ދެކުނު ލުބުނާނަށް އެއްގަމުން އަރައިގަނެ ޙަމަލާތައް ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޙިޒްބުاللهގެ ބާރު ހިނގާ ލުބުނާނުގެ ސިޓީއެއް ކަމަށްވާ ޚިއާމްއަށް ޔަހޫދީން ތިން ވައިގެ ޙަމަލާ ދީފައިވެއެވެ. ޚިޔާމްއަކީ ދެކުނު ލުބުނާނަށް ވަނުމަށް އޮތް މައި ދޮރާއްޓެކެވެ. ޚިޔާމް އޮންނަނީ އިސްތިރާޖީ ގޮތުން މުހިންމު، އުސް ސަރަޙައްދެއްގައެވެ. ޚިޔާމް ސަރަޙައްދުގައި ޙިޒްބުاللهއާއި ޔަހޫދީން ދަނީ ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންނެވެ.
އޭގެ އިތުރުން ލުބުނާނުގެ ޔާޠިރުއަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. އަދި ދެކުނު ލުބުނާނުގެ ބުރޫޖު ޤަލޫޔާއާއި ސުލްޠަނިޔާއާއި ޗަގްރާގައި ޙަމަލާ ދީފައިވެއެވެ. އޭގެ އިތުރުން ގަންތާރާއާއި އައްސަވާނާ އަވަށުގައި ވެސް ޔަހޫދީން ޙަރަކާތްތެރިވެފައިވެއެވެ.