ޚަބަރު

ފަވާޛްގެ ބަލި ޙާލަތު ހުރިގޮތުން، ޝަރުތުތަކަކާއެކު ބަންދަށް ލުއި!


  • ނައީމާ މަރާލާފައިވަނީ 6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި

  • ކުށުގެ ދަޢުވާ ހުށަހެޅީ 2023 ނޮވެމްބަރުގައި

ނ.މަނަދޫ ނަޢީމާ މޫސާގެ މަރާ ގުޅިގެން ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ޙަސަން ފަވާޛްގެ ބަލި ހާލަތު ހުރިގޮތުން، ޝަރުތުތަކާއެކު އެނާގެ ބަންދަށް ލުއިދިނުމަށް ޕީޖީއިން އެދުމުން، ކްރިމިނަލް ކޯޓުން ލުއިދީފިއެވެ.

ޙަސަން ފަވާޛްގެ ޞިއްޙީ ޙާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 9 މާރިޗު 2026 ދުވަހު ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

ލުއި ދޭން ހުށަހަޅާފައިވަނީ ޙަސަން ފަވާޛްގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފަޔާއި، ބަލީގެ ޙައްސާސްކަމަށް ރިޢާޔަތްކޮށް، ޙަސަން ފަވާޛަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުންކަމަށް ޕީޖީން ވިދާޅުވެއެވެ.

ކަނޑައަޅާފަވާ ޝަރުތުތައް:

1. ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.
2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން.
3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
5. މާލެއިން ބޭރަށް ނުދިއުން.
6. މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން.
7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ޙިއްޞާކުރަމުންދިއުން.

ޝަރުޠުތަކަށް ޙަސަން ފަވާޛް އެއްބަސްވެފައިވާތީއާއި އޭނާގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް، ޕީޖީ އޮފީހުން އެދިފައިވާގޮތަށް ޙަސަން ފަވާޛްއަށް ޝަރުޠުކޮށްފައި ބަންދުން ދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ޙަސަން ފަވާޛްގެ މައްޗަށް މަތކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެކަމަށާއި ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ޕީޖީއިން ކޯޓުގައި އެދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭގައި، ނަޢީމާ މޫސާ މަރާލި މައްސަލާގައި، ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ 30 ނޮވެންބަރު 2023 ގައި ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ޙަސަން ފަވާޛް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.