ރ.މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި އަރިހުގައި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަކީ ފުލްފުލެޖް ހޮސްޕިޓަލެކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލާ ކޮޓަރިއާއި އޮޕަރޭޝަން ރޫމާއި ލޭބަރ ރޫމްފަދަ ތަންތަން ތަރައްޤީކުރާނެއެވެ. ރ. މީދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒަކުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.
ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ވޭތުވެދިޔަ 2 އަހަރުތެރޭގައި ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިން ލިބެން ނެތް އެތައް ޚިދުމަތްތަކެއް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ރޭޑިއޮލޮޖީ ޚިދުމަތާއި އެމްއާރްއައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ހެދުން ފަދަ ޚިދުމަތްތައް ވަނީ އަތޮޅުތެރެއަށް ފުޅާކޮށްފައެވެ. ހަމަ މިއާއެކު ކޮންމެ ރަށަކުންވެސް އެންމެ އާދައިގެ ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ލެބޯރެޓަރީތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން 76 ރަށުގައި ލެބޯރެޓަރީ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ރ.މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޡިމް އިބްރާހީމްއެވެ. އަދި އަރިހުގައި މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި… pic.twitter.com/gfMeW8xRZI
— Road Development Corporation Ltd (@rdcmaldives) March 16, 2026
މިއާއެކު ޞިއްޙީ ދާއިރާގައި މިހާރުވެސް 168 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތެވެެ. ހަމަމިއާއެކު މިހާރު ހުރި ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކޮށް އައު ޚިދުމަތްތައް އަންނަނީ ތަޢާރަފްކުރަމުންނެވެ. އަދި ޞިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތަކާއި އައު ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިތަން ތަން ތަރައްޤީކުރަނީ ޖާގަ ތަނަވަސްކޮށް ބަލިމީހުން އެޑްމިޓްކޮށްގެންވެސް ފަރުވާދެވޭނެ ފެންވަރަށެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބަލާއިރު ޢުމްރާނީގޮތުން ވޭތުވެދިޔަ ދިގު މުއްދަތުގައި ތަރައްޤީކޮށްފައިވަނީ ދުރުރާސްތާ ޕްލޭނެއް ނެތި، އެދުވަސްވަރެއްގައި ބޭނުންވާ މިންވަރަށް ތަންތަންކޮޅު އިތުރުކުރުމުގެ ވިސްނުމެއްގައެވެ. އެއީ ދެމެހެއްޓެނިވި ގޮތެއް ނޫންކަމުން މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފުޅާކޮށް، ތަރައްޤީކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ޖާގައެވެ. އެހެންކަމުން ރަށްރަށުގައާއި މާލެ ސަރަޙައްދުގައިވެސް އިތުރު ހޮސްޕިޓަލްތަކާއި ޖީޕީ ކްލިނިކްތައް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ދައުލަތުން މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވެސް ޞިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.