ޚަބަރު

ޞުލްޙައިގެ ބޯޑާއި ޙަމާސްގެ ބައްދަލުވުމެއް


ޔަހޫދީންނާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު އެކުލަވާލާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް އުފައްދަވާފައިވާ ޞުލްޙައިގެ ބޯޑުގެ މަންދޫބުންނާއި ޙަމާސްގެ މަންދޫބުންނާ މިޞްރުގެ ޤާހިރާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމަކީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށި ފަހުން ބާއްވާ މި ފަދަ ފުރަތަމަ ބައްދަލުވުމެވެ.

އީރާނު ހަނގުރާމަ ފެށުމާއެކު ޔަހޫދީން ވަނީ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ހުރަސް ބަންދުކޮށްފައެވެ. ނަމަވެސް އެ ހުރަސް މެދުވެރިކޮށް މަދު މިންވަރެއްގެ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ޙުއްދަ ޔަހޫދީން ފަހުން ދީފައިވެއެވެ. އެކަމަކު ޣައްޒާގެ ރައްޔިތުންނަށް މިޞްރަށް ހުރަސް ކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ.

ޤާހިރާގައި ބޭއްވި ބައްދަލުވުމަށް ފަހު ޔަހޫދީން ވަނީ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ހުރަސް އަލުން ހުޅުވައިލާނެ ކަމަށް އިޢުލާނުކޮށްފައެވެ. ބެލެވޭ ގޮތުގައި އެ ނިންމުމަކީ ޞުލްޙައިގެ ބޯޑާއި ޙަމާސްއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ސީދާ ނަތީޖާއެއް ކަމަށް ބެލެވެއެވެ. އެނގިފައިވާ ގޮތުގައި ޞުލްޙައިގެ ބޯޑާއެކު ބޭއްވި ބައްދަލުވުމުގައި ޙަމާސުންވަނީ އީރާނު ހަނގުރާމައިގެ ސަބަބުން ޣައްޒާއަށް ދަތިކުރާނަމަ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރުން ޙަމާސުން ހުއްޓައިލުން އެކަށީގެންވާ ކަމަށް ޞުލްޙައިގެ ބޯޑުގައި ބުނެފައެވެ.

ޣައްޒާ ހަނގުރަމައަށްފަހު ޣައްޒާގެ ހިންގުމާ ޙަވާލުވެފައި ވަނީ ޓްރަމްޕްގެ ޞުލްޙައިގެ ބޯޑުންނެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޞުލްޙައިގެ ބޯޑާއި ޙަމާސްއާ ދެމެދު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަަމަޖެހިފައެވެ.