ޚަބަރު

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް


  • މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް

މާލޭ ނޯތު ހާބަރ ސަރަޙައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑު ކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިހެން ވިދާޅުވީ، ފީ ބޮޑުކުރުމާ ގުޅޭގޮތުން އެމްޕީއެލްއާއި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ، މާލޭ ނޯތު ހާބަރ ސަރަޙައްދުގައި އާންމުކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ނެރެނު ބަޔާނެއްގައެވެ.

އެމްޕީއެލުން ވިދާޅުވީ، މާލޭ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި، އެކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކޮށް، 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައިވާ ކަމަށާއި، އެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަމުންދާ ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ، މާލޭ ނޯތު ހާބަރ ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވައި އެމްޕީއެލުން ވިދާޅުވީ، މީގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ޚާއްސަކޮށްފައިވާ މާލެ ނޯތު ހާބަރގެ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާކަން އެމްޕީއެލުން ފާހަގަކުރެއްވިއެވެ. އަދި މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓަށްފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު އެ ކުންފުނިން އަމަލު ކުރަމުން ދިޔަ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައިނުވާ އެއްވެސް އުޅަނދަކަށް އެ ސަރަޙައްދު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ނޯތު ހާބަރަކީ، ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކާ ގުޅޭގޮތުން އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކަށް ނުފެތުރުމަށް އެމްޕީއެލުން ވަނީ ޢިލްތިމާސްކުރައްވާފައެވެ.