ޚަބަރު

ނިލަންދޫ މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކަން ފަށައިފި


  • މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއާއި އެމްޓީސީސީއާ ދެމެދު ވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދާނެއެވެ.

ނިލަންދޫގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރަން ހިއްކަނީ، އެރަށުގެ އުތުރު މަލަމަތިން 7 ހެކްޓަރުގެ ބިމެކެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެ ކަމަށް މަސްވެރި ކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް ޤާއިމުކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ، ނިލަންދޫގެ އިތުރުން ގދ. ފިޔޯރީގައިވެސް ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއްގެ މަސައްކަތް ކުރަމުންނެވެ. އެ ރަށުގައި ޤާއިމުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާއި، ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިދިޔަ މަހު ވަނީ ފަށާފައެވެ. އެ މަސައްކަތް ނިންމައި އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ރާއްޖޭގައި މަސް ބަންދު ކުރާ ކެޕޭސިޓީ އިތުރު ކުރުމަށެވެ. މީގެ އިތުރުންވެސް މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ތަފާތު އެކި މަޝްރޫޢުތައް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.