ޚަބަރު

ފިޠުރު ޢީދު ދުވަހު ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވާނެ


  • ޢީދު ސަލާމް ކުރެއްވުން އޮންނާނީ މުލިއާގޭގައި

  • ހެނދުނު 9:00 ން 11:00އަށް ޢީދު ސަލާމް ކުރައްވާނެ

މި އަހަރުވެސް ފިޠުރު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނީ ފިޠުރުޢީދު ދުވަހު ހެނދުނު 9:00 ން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ. އަދި ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ވަޑައިގެންނެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.