ޚަބަރު

ޙަމަލާތަކުގައި ލުބްނާނުން 810,000 މީހުން މަގުމަތިވެފައި


ޞަހްޔޫނީ ދައުލަތުގެ ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 816,000 އަށް އުފުލިފައިވާ ކަން ހާމަކޮށް، އެކުވެރި ދައުލަތްތައް (އދ)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޔަހޫދީން ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ މަޢުލޫމާތު ސަލާމަތީ މަޖިލީހާ ހިއްސާ ކުރައްވަމުން އދގެ އިންސާނީ އެހީތެރިކަމާ ބެހޭ އިސްވާރު، ޓޮމް ފްލެޗަރ ވިދާޅުވީ ލުބްނާންގެ ރައްޔިތުންނަށް ވަރަށް ނުރައްކާތެރި ޙާލަތެއް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ. އަދި، ވަގުތީ ހިޔާތައް މިހާރު ވެސް ފުރިފައިވުމާ އެކު، ގެދޮރު ނެތި، މަގުމަތިވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައެވެ.

ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ އަސްލަކީ ފެބުރުވަރީ 28ވަނަ ދުވަހު ޞަހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާންގެ އިސް މުރުޝިދު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމުން، އީރާނުން ވެސް ވަނީ އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ރައްދު ޙަމަލާ ދޭން ފަށާފައެވެ. ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާދޭން ފަށާފައި ވަނީ، އީރާނަށް ވާގިވެރިވުމުގެ ގޮތުން ލުބްނާންގެ މުޖާހިދުންގެ ޖަމާއަތް، ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް ޙަމަލާ ދޭން ފެށުމުންނެވެ.

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ލުބްނާނުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 687 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 98 ކުޑަކުދިން ހިމެނެއެވެ. އިތުރު 1,586 މީހުން ޒަޚަމު ކޮށްލާފައިވާ ކަން ވެސް ލުބްނާންގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ. ގެދޮރު ގެއްލިފައިވާ 816,000 މީހުންގެ ތެރެއިން 126,000 މީހުން މި ވަގުތު ތިބީ 589 ވަގުތީ މަރުކަޒެއްގައެވެ. ނަމަވެސް، ވެރިރަށް ބައިރޫތުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި އެތަކެއް ހާސް ބަޔަކު މަގުމަތީގައާއި ވަގުތީ ފޭލިގެތަކުގައި ނިދަމުންދާ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ފްލެޗަރ ވިދާޅުވީ ގެދޮރު ނެތިފައިވާ މީހުންނަށް ޞިއްޙީ ގޮތުން ނުރައްކާތެރި ޙާލަތެއް ކުރިމަތިވެފައިވާ ކަމުގައެވެ. މި ގޮތުން، ސާފުތާހިރުވާނެ ރައްކާތެރި ގޮތެއް ނެތި، ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ އޮތް ކަމުގައި އޭނާ އިންޒާރު ކުރެއްވިއެވެ. އަދި، އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ އަނިޔާއާއި ފުރައްސާރައިގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ދެކުނު ލުބްނާނާއި ބައިރޫތުގެ ސަރަޙައްދުތައް ހުސްކުރުމަށް ޞަހްޔޫނީ ދައުލަތުން އަމުރުކުރުމާ ގުޅިގެން، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.