ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ މަޝްރޫޢަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންއަންނަކަމަށް، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އެ ވުޒާރާއިން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކަށާއި، ކުރިއަށް ރޭވިފައިހުރި ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ވަޒީރު ވިދާޅުވީ، ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ކުރިއަށްގެންދާ ގައުމީ މަޝްރޫޢަކީ، އެ ވުޒާރާއިން ޚާއްސަ އިސްކަމެއްދީގެން މިހާރު ކުރިއަށްގެންދަވާ އެއް މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެދަށުން، ރަށްރަށުން މީހުން ތަމްރީނު ކުރުމަށް ކްލާސްތަކެއް ކުރިއަށްގެންދަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ފާއިތުވި 50 ނުވަތަ 60 ވަރަކަށް އަހަރު ތެރޭގައި ރާއްޖެ ދުށް ދުވަސްވީ މީހުންގެ ކިބައިގައި ވަރަށް ގިނަ ދިވެހި ވަންތަ ހުނަރުތަކެއް ހުންނާނެކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން، މި ހުރިހައި ކަމެއް ރެކޯޑް ކުރެވިގެންދާނެކަމަށާއި، މީގެ ސަބަބުން ގައުމު ފާއިތުވި 50 އަހަރު ދަތުރުކޮށްފައި އޮތް މިސްރާބާއި ދިވެހިން ދިވެހިންގެ އަމިއްލަވަންތަ ސިފަތައް ގެންގުޅެފައި ހުރި ގޮތުގެ ރެކޯޑް ހޯދޭނެކަމަށް ވިދާޅުވިއެވެ.
"ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަކީ، މި ދަންނަވާ މަސައްކަތަށް ބޭނުންވާ ހަގީގީ އެހީތެރިކަން ހޯދުން، ތާރީޚީ ހާދިސާތަކާއި، އަދި ވާހަކަތަކާއި، އެމީހުން ދުށް ތަންތަން. މީގެ ސަބަބުން މީގެ 60އ ވަރަކަށް އަހަރު ކުރީގަ ރާއްޖެ އޮތްގޮތް ވަރަށް ރަނގަޅަށް ދެނެގަނެވޭނެ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށެއްގެ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރީމަ. މި އެއްކުރެވޭ ހަނދާންތައް ބޭނުންކުރެވޭނެ މި ޒަމާނުގެ އޭއައި ޓެކްނޮލޮޖީއަށް ބޭނުންވާ ކަންކަމަށްވެސް ހަގީގަތުގަ". ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާއިން ޚާއްސަ އިސްކަމެއްދީގެން ކުރައްވާ މި މަސައްކަތަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އާންމުންގެ ތަރުޙީބު މިކަމުގައި ވަރަށް ބޮޑަށް ލިބެމުންދޭ، ދުވަސްވީ މީހުން ހަގީގަތުގަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އިހުސާސްކުރޭ ދުވަސްވީ މީހުންނާ ސުވާލުކޮށްލާ. އެމީހުންގެ ތަޖުރިބާތައް ޒުވާން ކުދިން އަޑުއަހާލާ، އެގޮތަށް މި ކަންކަން ދިޔައިމަ". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ ޢަަމަލީ މަސައްކަތް ނިމުމާއެކު އެކި ކަންކަމުގައި ކާބަފައިން ގެންގުޅުނު ހަމަތަކާއި އުސޫލުތަކާއި ކާބަފައިންގެ ހަރުދަނާ ސިފަތައް ދެނެގަނެވޭނެކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމުން މުސްތަޤްބަލަށްޓަކައި ކުރެވޭނެ ކަންތައްތައްވެސް ގިނަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެކަމާ ގުޅޭ ޢިލްމުތައް ރާއްޖެއަށް ގެނައުމާއި، ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތައް އެ ވުޒަރާއިން ކޮށްފައިވެއެވެ.