ދިވެހިރާއްޖޭގެ އަޑުން ފަނޑުވުމެއް ނެތި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި އެއް ފަރާތަކީ އަލި ހިލްމީއެވެ. އަޑަށް 4 ދަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމަށް ފަހު، މިއަދު އޭނާ ވަނީ އޭނާގެ އަޑުގެ ވޮލިއުމް ދަށްކޮށްލާ ދުރައްޖެހިލާފައެވެ. މަސައްކަތުން ރިޓަޔަރ ކުރީ ދެމިއޮންނާނެ ހަނދާންތަކާއި ފަނޑުވުމެއް ނާންނާނެ ތާރީޚެއް އެހުންތެރިންނަށް ދޫކޮށްލާފައެވެ.
އުމުރުން އެންމެ 18 އަހަރުގައި މަސައްކަތުގެ މާހައުލަށް ޢަލީ ހިލްމީ، އޭނާގެ ފުރަތަމަ ފިޔަވަޅު އެޅީ، އޭރު މުދައްރިބެއްގެ މަޤާމުގައި ހުންނެވި އަބްދުﷲ ޞާދިޤް(ސޯދުބެ)ގެ ބާރުއެޅުމާއެކުއެވެ. ދެ ނަންބަރު ކާތިބެއްގެ މަޤާމުން މަސައްކަތުގެ ހަޔާތް ފެށި ހިލްމީ ރޭޑިއޯއާއި ގުޅުނީ 30 އޮކްޓޫބަރ 1984ގައި ޓެކްނިކަލް މީހެއްގެ ގޮތުގައެވެ. ރޭޑިއޯގެ މަސައްކަތަށް އޭނާ ޝައުޤުވެރިކަން އުފެދުނީ ރޭޑިއޯ އޮޕަރޭޓަރަކަށް މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. މަސައްކަތުގެ އަޚުލާޤު ނަމޫނާ ބޭފުޅެއް ގޮތުގައި ގިނަ ބަޔަކު ޙިލްމީ ސިފަކުރާއިރު، ޕްރޮގްރާމްތައް އުފެއްދުމާއި ދިމާލަށް ހިލްމީއަށް ދަތުރުކުރެވުނީވެސް މަސައްކަތަށް ހުންނެވި ޝައުޤެއްގެ ބޮޑުކަމުންނެވެ. ސްކްރިޕްޓް ލިއުމާއި ޑްރާމާ ލިޔަން ދަސްކޮށްދޭ ކޯހުގައި އަމިއްލަ އިސްނެގުމަށް ބައިވެރިވުމާއެކު އޭނާގެ ހުނަރު ދައްކާލަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ހިފިއެވެ.
ހިލްމީގެ އަޑުއިވެން ފެށި ހިސާބުން ގިނަ ބައެއްގެ ލޯބި ލިބި އެންމެ މަޤްބޫލު އަޑުތަކުގެ ތެރޭގައި އޭނާގެ ނަންވެސް ގުނާލެވެން ފެށިއެވެ. ގިނަ ކަންކަން ދަސްވި މަސައްކަތުގެ މާހައުލު ހިލްމީ ސިފަކުރީ، އެންމެ ބޮޑު މުދައްރިބުގެ ގޮތުގައެވެ. ހިލްމީ ބުނީ އޭނާ މީހަކަށް ހަދައިދީ ހޭލުންތެރިކޮށްދިނީ ރޭޑިއޯއިން ކަމަށެވެ.
"ދިރިއުޅުމުގައި މިހާތަނަށް އައިއިރު މައިންބަފައިން ކައިރިން ދަސްވި ފިލާވަޅުތަކުގެ އިތުރުން ދިރިއުޅުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ދަސްވެގެން ދިޔައީ ދިވެހިރާއްޖޭގެ އަޑު މުޢައްސަސާތެރެއިން " ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ހިލްމީ ކިޔައި ދިނެވެ.
ރޭޑިއޯގެ ޕްރޮޑިއުސަރެއް ގޮތުގައި ހިލްމީ ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑުން އާންމުންގެ މަޤްބޫލުކަން ހޯދި އެތައް ޕްރޮގްރާމެއް އުފައްދާފައެވެ. ގާތްގަނޑަކަށް 4000 އަށް ވުރެ ގިނަ ޕްރޮގްރާމު އުފައްދާފައިވާއިރު ޔަޤީންކަމާއެކު ހިލްމީ ބުނީ ޕްރޮގްރާމް ނެހެދޭ އެއްވެސް ދާއިރާއެއް ނެތް ކަމެވެ.
ދިވެހިރާއްޖޭގެ އަޑުގައި ހިލްމީ މަސައްކަތްކުރި ދިގު ތާރީޚުގައި އެންމެ ޝައުޤުވެރިކަމާއެކު އުފެއްދި ޕްރޮގްރާމުތަކުގެ ތެރޭގައި ހަބަރުފީތާ، ވޭތުވެދިޔަ ހަފްތާގެ ދުނިޔެ ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. ހަނދާނުން ފިލައި ނުދާނެ ތަފާތު ޕްރޮގްރާމުތަކުގެ ތެރޭގައި ދަތުރުވެރިން ނަމުގައި ހެދި ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ގެނެސްދިން ޕްރޮގްރާމް ހިލްމީ ފާހަގަކުރެއެވެ. ދީނީ ޕްރޮގްރާމުތަކުގެ ތެރޭގައި ހަދީޘުގެ ހިޔަލުގައި ޕްރޮގްރާމާއި ފަތަޙާއިގެ ލަޝްކަރު، އުއްމަތުގެ އިމާމުން ފަދަ ޕްރޮގްރާމުތައް ހިމެނެއެވެ. ޤާނޫނީ ދާއިރާއިން ޤާނޫނީ ލަފާ ޕްރޮގްރާމުގެ އިތުރުން ކުޅިވަރު އުސްއަލިތަކަށް ޚާއްސަކޮށްގެން ގެނެސްދިން ޕްރޮގްރާމްތަކަކީ ހިލްމީ މަސައްކަތްތަކުގެ އުސްއަލިތަކުން އޭނާ ފާހަގަކުރާ މުހިންމު ޕްރޮގްރާމްތަކެވެ. މީގެ އިތުރުންވެސް ރޭޑިއޯއިން ވަގުތުން ގެނެސްދިން ބޮޑެތި އެތައް ހަރަކާތަކާއި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަކީ ހިލްމީގެ އަޑުން މަންޒަރުތައް އެހުންތެރިންނަށް ކުލަކޮށްދިން ފާހަގަކޮށްލެވޭ ހަރަކާތްތަކެކެވެ.
ނޮވެމްބަރ 3 ގެ ހާދިސާއާއި އެނަމާ ބޯޓު ބަންޑުންޖަހާލި ހާދިސާ އަދި ސުނާމީ ކާރިސާއަކީ ހިލްމީގެ ޚިދުމަތުގެ ހަޔާތުން ފޮހެލަން ދަތި ހަނދާންތަކާއި ގުޅިފައިވާ ހާދިސާތަކެކެވެ.
ދައުލަތަށް 46 އަހަރު ޚިދުމަތްކޮށްފައިވާ ހިލްމީ މިއަދު އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރި މަސައްކަތުގެ މާހައުލުން ދުރަށް ޖެހުނުއިރު މިމަސައްކަތުގެ އަގުވަޒަންކޮށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ހިލްމީއަށްވަނީ ލިބިފައެވެ.
41 އަހަރަށް ވުރެ ގިނަ ދުވަހު ރޭޑިއޯގައި ޚިދުމަތް ކުރުމަށް ފަހު ހިލްމީ ރިޓަޔަރ ކުރިއިރު އެކުގައި މަސައްކަތް ކުރި އެކުވެރިން ހިލްމީ ސިފަކުރަނީ ތަރުތީބު އަދި ވީއެންމެ ފުރިހަމައަކަށް މަސައްކަތް ކުރާ މުވައްޒަފެއްގެ ގޮތުގައެވެ.
"ހިލްމީގެ އެންމެ ޚާއްސަކަމަކީ، ވަރަށް ތަރުތީބުން މަސައްކަތް ކުރާ އަދި އެކުރާ މަސައްކަތެއްގެ ރެކޯޑްސް ބެލެހެއްޓުމުގައި ނަމޫނާއެއް. އެންމެންނަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރާނެ. އެންމެންނާވެސް ގުޅިގެން މަސައްކަތް ކުރެވޭތޯ އަބަދުވެސް ބަލާނެ. " ޑައިރެޓަރ ރޭޑިއޯ ޕްރޮޑަކްޝަން ނަސްރުﷲ އިދްރީސް ވިދާޅުވިއެވެ.
"ހިލްމީ އަކީ މީހުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ އަބަދުވެސް މީހުންނަށް އެހީތެރިވުމުގައި ލާމަސީލް ނަމޫނާއެއް. ކަންކަމަށް ފަރުވާ ބަހައްޓާ ހުރިހާ ކަމެއް ފުރިހަމަ ގޮތުގައި ކުރުމަށް އެހީތެރިވެދޭވެސް މީހެއް." ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ ރަމީޒް ވިދާޅުވިއެވެ.
ހިލްމީ ރިޓަޔަރ ކުރުމަކީ ލިބިގެންދާނެ ފަޅުކަމެއް ކަމަށް ރޭޑިއޯ މުއައްޒަފުން ޤަބޫލުކުރެއެވެ.
" ހިލްމީ ނެތުމުގެ ފަޅުކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިހުސާސްކުރެވޭ. ހިލްމީ އަކީ ވަރަށް ތަރުތީބު މީހެއް. ވަރަށް ސާފުތާހިރު މީހެއް. އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ހިލްމީގެ ފަރާތުން ކަންކަން ދަސްވި. ބުނެދޭއިރުވެސް ވަރަށް ތަފްސީލްކޮށް ބުނެދޭނީ" އެގްޒެކެޓިވް ޕްރޮޑިއުސަރ ނާފިޒާ އަބްދުއްރަޝީދު ވިދާޅުވިއެވެ.
ހިލްމީ ބުނީ ރިޓަޔަރ ކުރުމަށް ފަހު ދެން އިތުރު މީޑިއާއަކުން ނުފެންނާނެ ކަމަށެވެ. ނަމަވެސް އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު ނުވާ ކަމެއްގައި އޭނާ އެހީތެރިކަން ލިބޭނެކަމަށެވެ. އަދި ޒުވާން ޖީލުތަކަށް ހިލްމީ ދޭ ނަސޭހަތަކީ މަސައްކަތުގައި އަބަދުވެސް ތަނުގެ އިސް މުވައްޒަފުންގެ ތަޖުރިބާއާއެކު ކަންކަން ދަސްކޮށް ކުރިއަށް ދިއުމުގެ ހިއްވަރު ގެންގުޅުމަށެވެ.
އަޅުގަނޑުމެން ޕީއެސްއެމް ނިއުސްއިން އެދެނީ ހިލްމީއަށް އުފާވެރި ދުވަސްތަކެކެވެ.