ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ވޭމަންޑޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން، އެ ރަށުން 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢު ނުހުއްޓި އަވަހަށް ނިންމަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.
"އާދެ، މި ރަށަކީ މިއީ މި އަތޮޅުގެ ވެރިކަންކުރާ ރަށް. މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ރަށަށް ބިން އިތުރުވެގެންދިޔުން. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު އެކަމަށް ރައްޔިތުންނަށް ވަޢުދުވިން. މިރޭ މި ސޮއިކުރި އެއްބަސްވުމުގެ ދަށުން، 25 ހެކްޓަރުގެ ބިން މި ރަށަށް އިތުރުކުރެވިގެންދާނެ. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީގޮތުން ފެށި، އެއްވެސް ހުއްޓުމެއް ނައިސް ގޮސް ނިމިގެންދާނެ". ވޭމަންޑޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވިއެވެ.
Th. Veymandoo reclamation project started today. pic.twitter.com/566gxqY0xA
— Dr Mohamed Muizzu (@MMuizzu) March 12, 2026
މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ވޭމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ވޭމަންޑޫ ބިން ހިއްކުމުގެ އިތުރުން އެރަށު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.