ޚަބަރު

ހުރުމުޛް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ޙިމާޔަތެއް ނުދެވޭނެ: އެމެރިކާ


ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތައް އަމާޒުވާން ފެށުމާއެކު އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ހިމާޔަތްދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިނަމަވެސް، އެ ރައްކާތެރިކަން ދެވެން ނެތް ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލަާދީ ހަނގުރާމަ ފެށުމާއެކު އީރާނުން ދަނީ ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އަދި ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުން ކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭނެ ކަމަށް އިޢުލާނުކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

އެމެރިކާގެ ނޭވީން ބުނީ، އެ ކަނޑުއޮޅި ހުރަސްކުރުމަށްޓަކައި ހިމާޔަތަށް އެދެމުންދިޔަ ނަމަވެސް، އެ އެދުމަށް މި ވަގުތު އިޖާބަދެވެން ނެތް ކަމަށެވެ.

އަސްކަރީ ހިމާޔަތް ނުލިބޭނަމަ، އެ ކަނޑުއޮޅި ހުރަސްކޮށް، މެދުއިރުމަތިން ތެލާއި ގޭސް ބޭރުކުރުމަށް އަމިއްލަ ތެޔޮ ޓޭންކަރުތައް ވަނީ ފަސްޖެހިފައެވެ.

ހުރުމުޒް ކަނޑުއޮޅި ހުރަސްނުކުރެވި، އެތައް ސަތޭކަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.

އެއާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ. އެގޮތުން، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 އެމެރިކާ ޑޮލަރަށް ވުރެ މަތިވެފައެވެ.

ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރުމަށް ހުރަސްއަޅާނެ ކަމަށް އީރާނުން ބުނުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަނޑުއޮޅި ހުރަސް ކުރުމަށް ތެޔޮ ޓޭންކަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އެހީތެރިވާނެ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރާއިރު އެ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް، އުޅަނދުތަކާއެކު އެމެރިކާގެ މަނަވަރުތައް ދަތުރުކުރާނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަމަވެސް މި ވަގުތު އެ ގޮތަށް ޢަމަލުކުރުމަކީ ރައްކާތެރި ކަމެެއް ނޫން ކަމަށާއި، ޙަމަލާގެ ނުރައްކާ މާ ބޮޑު ކަމަށް ކަނޑުގެ ސިފައިން ދަނީ ބުނަމުންނެވެ. ތެޔޮ ޓޭންކަރުތަކާއެކު މަނަވަރުތަކަށް ދަތުރުކުރެވޭނީ ޙަމަލާގެ ނުރައްކާ ކުޑަވުމުން އެކަނި ކަމަށް ވެސް ނޭވީއިން ބުނެފައިވެއެވެ.