ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.
ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލުގައި ޕީއެސްޖީ ބަލިކޮށް ޗެލްސީ އިން ޗެމްޕިއަންކަން ހޯދިއިރު މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންގޮސްފައިވަނީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެކެވެ.
ޕެރިހުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ޕީއެސްޖީގެ ބާކޯލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ޗެލްސީ އިން ވަނީ އޭގެ 18 މިނިޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން މާލޯ ގަސްޓޯ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޗެލްސީ އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޗެލްސީގެ ލަނޑަށްފަހު އެ ޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައިވަނިކޮށް މެޗުގެ އޮއިވަރު ބަދަލުވެގެން ގޮސްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ޗެލްސީގެ ކީޕަރު ޖޯޖެންސަން ހެދި ގޯހެއްގެ ފައިދާ ނަގާ ވިޓީނިއާ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލު ކުރުމާއިއެކުގަ އެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޕީއެސްޖީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްވިޗާ ކްވަރަޓްސްކޭލިއާ ކާމިޔާބުކޮށްދީފައިވާ ދެ ލަނޑެވެ.
އަންނަ ހަފްތާގައި ލަންޑަނުގައި މި ދެ ޓީމު ދެވަނަ ލެގަށް ނިކުންނައިރު ޕީއެސްޖީ އަށް ވަނީ ކުއާޓަރ ފައިނަލުގެ ފުރުސަތު ބޮޑުވެފަ އެވެ. ޗެލްސީ އަށް މި ނަތީޖާ އަނބުރާލުމަށް 3 ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެ އެވެ.