ޚަބަރު

ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ކުރިއަށްގެންދާނީ ތަޖުރިބާކާރު ކުންފުންޏަކުން


  • އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށް

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏަކީ، އެ މަސައްކަތަށް، ޤާބިލު ތަޖުރިބާކާރު ކުންފުންޏެއްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާއެވެ.

ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކާގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަކަން ފާހަގަކުރައްވާ ނަޖާހް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

މީގެއިތުރުން، އައްޑޫ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރސްޓޭޝަންގެ މަސައްކަތާއެކުއެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ނަޖާހް ވިދާޅުވިއެވެ.

ނަޖާހް ވިދާޅުވީ، އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ، އެ މަސައްކަތަށް ޤާބިލު، ތަޖުރިބާކާރު ކުންފުންޏަކާކަމަށެވެ. އަދި މިހާރުވެސް އެ ކުންފުނިން ދުބާއީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން ނަޖާޙް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް މި ހަވާލުކުރީ ދުބާއީ ކުންފުންޏަކާ. މި ކުންފުންޏަކީ މިހާރުވެސް ދުބާއީގެ 28 މެގަވޯޓާއި، 18 މެގަވޯޓާއި ދެމެދުގެ ދެ ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކުންފުންޏެއް. އެބޭފުޅުންގެ އެކްސްޕީރިއެންސް އެބަހުރި. އަޅުގަނޑުމެން އައްޑޫއަށް މި ގެންނަނީ ދާއިމީ ހައްލެއް". ނަޖާހް ވިދާޅުވިއެވެ.

އައްޑޫގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމަށް ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކުރީ މިމަހުގެ 7ވަނަ ދުވަހުއެވެ. ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެ ކުންފުންޏާ އައްޑޫގެ ސެންޓްރަލް ޕަވަރހައުސްއެއް ޤާއިމްކުރުމަށް ހަވާލުކުރީ، މީގެކުރިން އެ މަސައްކަތް ހަވާލުކުރި ޗައިނާގެ ޑޮންފަންގ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢު ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލުކުރުމަށްފަހުއެވެ.