އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތުގެ ކޮންސިއުލޭޓަށް ދެވުނު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާ ކުށްވެރިކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ނެރެނު ބަޔާނުގައި ވިދާޅުވީ ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚީލާފު ކަމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުންވަނީ ބޭރު ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.
އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ޑްރޯން ހަމަލާއެއް ދީފައިވަނީ ހޯމަ ދުވަހުގެ ދަންވަރު ވަގުތެއްގައެވެ.