ޚަބަރު

އެސްއޭކިއުއޭއެސްގެ އެކްރެޑިޓޭޝަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް


  • 13 ޕްރޮގުރާމެއް އެކްރެޑިޓުކޮށްފައިވޭ

  • މި އެކްރެޑިޓޭޝަންގެ މުއްދަތު ދެމިގެންދާނީ 28 ފެބުރުއަރީ 2029 ހަމައަށް

ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމްގެ ދަށުން ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލު އެކްރެޑިޓުކޮށްފިއެވެ.

ވިލާ ކޮލެޖުގެ ދަށުން ހިންގާ ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަކީ ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސްގެ އެކްރެޑިޓޭޝަން ހާސިލުކުރި ރާއްޖޭގެ ފުރަތަމަ މަތީ ތައުލީމީ މުއައްސަސާކަމަށް ވިލާ ކޮލެޖުން ވިދާޅުވެއެވެ.

ސައުތު އޭޝިއަން ކޮލިޓީ އެޝުއަރެންސް ހާސިލުކުރުމާއި ގުޅިގެން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ އަލީ ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލްގެ ސިސްޓަމް ކޮލިޓީ އެކްރެޑިޓޭޝަން ލިބުނީ ގާތްގަނޑަކަށް 5 އަހަރު ދުވަހުގެ ރިވިއުއަކަށްފަހުކަމަށެވެ.

ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުގެ ރިވިއު މަރުހަލާގައި ކޮލެޖު ހިންގުމުގެ ސިޔާސަތުތަކާއި، ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ އުސޫލުތަކާއި، މަންހަޖުތައް ފަރުމާކޮށް މުރާޖައާ ކުރުމުގެ އުސޫލުތަކާއި، ކޮލެޖުގެ އެތެރޭގެ ފެންވަރު ކަށަވަރުކުރުމުގެ އިންތިޒާމުތައް ބަލާފައިވާކަމަށެވެ. އަދި މިކަންކަން ހުރީ ރަނގަޅު ފެންވަރެއްގައިކަން އެފަރާތުން ފާހަގަކޮށްފައިވާކަމަށް ނަޖީބު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދަށްކަމުން އަލީ ނަޖީބު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ މަތީ ތައުލީމު ފުޅާ ކުރުމަށް ލިބޭ ފަހި ފުރުސަތެއްކަމަށެވެ. އަދި ވިލާ ކޮލެޖަށް މި އެކްރެޑިޓޭޝަން ލިބުމާއެކު ބިޒްނަސް ސުކޫލުން ހިންގާ 13 ޕޮރޮގުރާމެއް އެކްރެޑިޓުކުރެވިފައިވާކަަށް ނަޖީބު ވިދާޅުވިއެވެ.

"މި އެކްރެޑިޓޭޝަންގެ ދަށުން ބިސްނަސް ސުކޫލުގެ 13 ޕްރޮގުރާމެއްވަނީ އެކްރެޑިޓުކުރެވިފަ. މިކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތަނަކަށް ވިލާ ކޮލެޖު ވެގެންދާނެ. އަދި ދަރިވަރުންގެ ހުނަރުތައް ތަރައްގީވެ ދިރާސާތައް ފުޅީކުރެވި ގެންދާ ހަރަކާތްތަކުގެ ފެނަވަރު ރަނގަޅުވެގެންދާނެ" ވިލާކޮލެޖުގެެ ވައިސް ރެކްޓަރ އަލީ ނަޖީބު ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލަށް ލިބުނު ކާމިޔާބީ ނަޖީބު ސިފަކުރެއްވީ ބައިނަލްއަގުވާމީ ފެނަވަރުގައި ތައުލީމު ފުޅާކުރުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ތައުލީމީ މުއައްސަސާއެއް މިގޮތައް އެކްރެޑިޓުކުރެވޭ އެންމެ ފުރަތަމަ ފަހަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެކްރެޑިޓޭޝަންގެ މުއްދަތު ދެމިގެންދާނީ 28 ފެބުރުއަރީ 2029 އަށް ފަސް އަހަރުގެ މުއްދަތަށެވެ.

ވިލާ ކޮލެޖުން ވިދާޅުވީ އެކްރެޑިޓޭޝަންގެ ސަބަބުން ކޮލެޖަކީއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ފަދަ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ، އަދި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު އެއް ކޮލެޖު ގޮތުގައި ވެގެން ގޮސްފައިވާކަމަށެވެ.