ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15 އަށް ޢުމްރާއަށް އައި ގްރޫޕް ފުރަތަމަ ޢުމްރާކޮށްފިއެވެ. މިގްރޫޕްގައި 316 ޢުމްރާވެރިޔަކު ވަނީ މައްކާއަށް އައިސްފައެވެ.
ރަމަޟާން މަހާ ދިމާކޮށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް 2 ގްރޫޕަކަށް ބަހާލައިގެން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ވަނީ މައްކާއަށް އައިސްފައެވެ. އޭގެތެރެއިން މުޅި ރަމަޟާން މަހަށް ޢުމްރާއަށް އައި ގްރޫޕް ވަނީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހު މައްކާއަށް އައިސްފައެވެ. އަދި ދެވަނަ ގްރޫޕް މާރިޗު މަހުގެ 1 ވަނަ ދުވަހު މިވަނީ މައްކާއަށް އައިސްފައެވެ.
މިގްރޫޕަށް މައްކާއަށް އާދެވުނީ ހެނދުނު 10:30 ހާއިރަށެވެ. އަދި އިދާރީ ކަންކަން ނިންމުމަށްފަހު ފުރަތަމަ ޢުމްރާކޮށްފައިވަނީ މެންދުރު ނަމާދަށް ފަހުގައެވެ.
ޢުމްރާވެރިންގެ ޙާލު އާންމުގޮތެއްގައި ރަނގަޅެވެ. ޢުމްރާވެރިންގެ ތެރޭގައި ފުރޮޅުލީ ގޮނޑީގައި ޢުމްރާވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ވަނީ ފަހިކޮށްދެއްވާފައެވެ.
ރަމަޟާން މަހާ ދިމާކޮށް ގިނަ ޢަދަދެއްގެ މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް އަންނަމުންދާއިރު ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކުރައްވައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި 1600 އަށްވުރެ ގިނަ ދިވެހީން ވަނީ މިއަހަރު ރަމަޟާން މަހާ ދިމާކޮށް ޢުމްރާއަށް އެކި ގްރޫޕްތަކުގެ ހަވާލުގައި އައިސްފައެވެ.