ޚަބަރު

އެޕްރީލް 4 ގެ އިންތިޚާބުގައި 3 ވޯޓު ކަރުދާހެއް


  • ރަށު ކައުންސިލަރުން އިންތިޚާބުކުރުމަށް ވޯޓު ކަރުދާހުގައި މައިގަނޑު 3 ބައެއް އޮންނާނެ

  • ސިޓީތަކަށް ކައުންސިލަރުން އިންތިޚާބު ކުރުމުގެ ވޯޓު ކަރުދާސް ބަހާލާފައި އޮންނާނީ 2 ބަޔަކަށް

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި 3 ވޯޓެއް ނަގާނެއެވެ. އެއީ ރަށްރަށާއި ސިޓީ ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބު ކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރު އިންތިޚާބުކުރުމަށް ނަގާ ވޯޓުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެވެ.

މި 3 ވޯޓު ނެގުމަށްވެސް ވޯޓުލާން ދާ ކޮންމެ މީހަކަށް 3 ވޯޓު ކަރުދާސް ލިބޭނެއެވެ. އެހެން އިންތިޚާބުތަކާ ޚިލާފަށް ވޯޓު ކަރުދާސް އިތުރުވުމުން ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން ދުރާލާ މިކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ތަފާތުކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ކަރުދާސް ތައްޔާރުކާކަމަށެވެ. އެގޮތުން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވޯޓުލާންދާ ކޮންމެ މީހެއްގެ އަތަށް 3 ވޯޓު ކަރުދާސް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ މަޤާމްތައް ހިމެނޭ ކަރުދާހަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަޤާމްތައް ހިމެނޭ ކަރުދާހެއްގެ އިތުރުން ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަރުދާހެވެ.

މިގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާހަށް ބަލާއިރު ރަށްރަށުގެ ކައުންސިލަރުން އިންތިޚާބުކުރުމަށް ވޯޓު ކަރުދާހުގައި މައިގަނޑު 3 ބަޔަކަށް ބަހާލާފައި އޮންނާނެއެވެ. އޭގެ ތެރެއިން ފުރަތަމަ އޮންނާނީ ރަށު ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުން ހިމެނޭ ބައެވެ. އެއަށްފަހު ދެން އޮންނާނީ ރަށު ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުންގެ ބައެވެ. އެއަށްފަހު ކައުންސިލްގެ އާންމު މެންބަރުންނަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ބައި އެ ވޯޓު ކަރުދާހުގައި ހިމަނާފައި އޮންނާނެއެވެ.

ނަމަވެސް ސިޓީތަކަށް ކައުންސިލަރުން އިންތިޚާބުކުރުމުގެ ވޯޓު ކަރުދާސް ބަހާލާފައި އޮންނާނީ 2 ބަޔަކަށެވެ. ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރާ ވޯޓު ކަރުދާހުގައި ފުރުތަމަ އޮންނާނީ އެ ސިޓީގެ މޭޔަރަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތަކެވެ.

އެއަށްފަހު އެ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ބައެއް އޮންނާނެއެވެ. ސިޓީ ތަކުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމޮޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓު ކަރުދާހުގައިވެސް ހިމެނޭނީ ރައީސްގެ މަޤާމާއި އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތަކެވެ.

ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ދޭ ވޯޓު ކަރުދާހުގައި ފުރަތަމަ އޮންނާނީ އެ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތަކެވެ. އެއަށްފަހު އަންނަނީ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތަކެވެ. މިދެ އިންތިޚާބުގެ އިތުރަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ކަރުދާސް ސިޓީ ތަކާއި ރަށްރަށުގައިވެސް އޮންނާނީ އެއްގޮތަކަށެވެ. އެ ވޯޓު ކަރުދާހުގައި އޮންނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ސުވާލެވެ. އެއަށްފަހު އޮންނާނީ "ފެންނަ" ނުވަަތަ "ނުފެންނަ" މި ދެތަނުން ތަނެއްގައި ފާހަގަޖެހުމަށެވެ.

ވޯޓު ލުމުގައި ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. އެގޮތުން ވޯޓު ބާތިލުވުމާއި ވޯޓު ކަރުދާސް ބާޠިލުވާނެ ގޮތް އެނގުމަކީ މުހިއްމުކަމަށެވެ.

"އެމީހާކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ހެޔޮފާހަގަ ޖެހުމުގެ އިތުރުން ވޯޓު ކަރުދާހުގައި އިތުރު ކުރެހުމެއް ،ނިޝާނެއް، ނުވަތަ އެއްވެސް އެއްޗެއް ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާޠިލުވާނެ. ދެން އަނެއް ހާލަތަކީ، މިސާލަކަށް ކައުންސިލް އިންތިޚާބުގައި ރައީސުލް އިންތިޚާބުކުރުމުގެ ބައިގައި އެކަކު ހޮވަން ޖެހޭއިރު ވޯޓުލާ މީހާ މު އޮންނަނީ 2 މީހަކާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާފަ. އެހާލަތުގައި ރައީސްގެ ބައި އެކަނި ބާޠިލުވާނީ. ދެން ހުރި ބައިތައް ރަނަގޅު ނަމަ ކައުންޓު ކުރާނެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި 3 ވޯޓު ކަރުދާހެއް ދޭއިރު ބައެއް ރަށްރަށާއި ސިޓީތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޢަދަދު ގިނަވުމުން ވޯޓު ކަރުދާސް ބޮޑުވުމަކީވެސް އެކަށީގެންވާކަމެކެވެ. މި ވޯޓު ކަރުދާސްތަކަކީ އެހެން އިންތިޚާބުތަކެކޭ އެއްފަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ، މަތީ ފެންވަރުގެ ކަރުދާހެކެވެ. އަދި ހުރިހާ ކަރުދާސްތަކެއްވެސް މަރުކަޒުތަކަށް ގެންދާނީ ފުލުހުންގެ ބެލުމުގެ ދަށުން ރައްކާތެރިކަމާއެކުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.