ޚަބަރު

ބްރެޒިލްގެ މީނާސް ޖެރައިސްގައި ފެންބޮޑުވެ 46 މީހުން މަރުވެއްޖެ


ބްރެޒިލްގެ އިރުދެކުނުގައި އޮތް މީނާސް ޖެރައިސް ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 46ށް އުފުލިއްޖެއެވެ. މީގެ ތެރެއިން 40 މީހުން މަރުވެފައިވަނީ ޖުއީޒް ޖެ ފޯރާ ސިޓީގައެވެ. އަދި އިތުރު ހަ މީހުން މަރުވެފައި ވަނީ އެ ހިސާބުގައި އޮތް އޫބާއިންނެވެ.

މީނާސް ޖެރައިސް އިދާރާތަކުން ބުނީ، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކެނޑި، ކިސަޑު ފައިބާފައިވާ ކަމުގައެވެ. އަދި، އެހެން ހިސާބުތަކުގައި ކޯރުތައް ބަންޑުންޖަހައިލައި، ފެންބޮޑުވެފައިވާ ކަމުގައެވެ. މީނާސް ޖެރައިސްގެ އަލިފާން ނިއްވާ އިދާރާއިން ބުނީ، ގެއްލިފައިވާ ކަމަށް ބެލެވޭ 21 މީހަކު ހޯދުމަށް މަސައްކަަތް ކުރަމުންދާ ކަމުގައެވެ.

ގެއްލިފައި މީހުން ހޯދުމުގެ މަސައްކަތް ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ. ނަމަވެސް، އެ މީހުން ދިރިތިއްބާ ފެނުމުގެ ފުރުޞަތު ހަނި ކަމުގައި ކަމާ ގުޅޭ އިދާރާތަކުގެ އޮފިޝަލުން ވިދާޅުވިއެވެ. މަރުވި މީހުންގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

މި ހާދިސާގައި 3,600ށްވުރެ ގިނަ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ ތެރެއިން ގިނަ ގެތައް މުޅިން ހަލާކުވެފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ. ދެކުނު ބްރެޒިލަށް ކުރަމުންދާ ވިއްސާރައިގައި ކޯރުތައް ބަންޑުންވެ، ފަރުބަދަ މަތީ ސަރަޙައްދުތަކުން ވަނީ ކިސަޑު ފައިބާފައެވެ. މީގެ ސަބަބުން ގިނަ ގެތަކަކާއި މީހުން ވަނީ ކިސަޑުތަކުގެ ދަށުވެފައެވެ.

މީނާސް ޖެރައިސްގެ ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ވިއްސާރަ ކުރަން ފަށާފައި ވަނީ ފެބުރުވަރީ 23ވަނަ ދުވަހުއެވެ. ބޯކޮށް ވާރޭވެހުމާ ގުޅިގެން ޖުއީޒް ޖެ ފޯރާ ސަރަޙައްދުގައި ބިންގަނޑު ކެނޑި، ކިސަޑު ފޭބުމުގެ 20ށްވުރެ ގިނަ ހާދިސާ ހިނގި ކަމުގައި އެ ސްޓޭޓްގެ މޭޔަރު މާރްގަރީދާ ސަލޯމޯ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ސަރަޙައްދުތަކަށް އިތުރަށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ އިންޒާރުދީފައެވެ.

ބްރެޒިލްގައި ފެންބޮޑުވުމުގެ ހާދިސާތައް އެންމެ ގިނައީ ފަގީރު ޢާއިލާތައް ދިރިއުޅޭ ސަރަޙައްދުތަކުގައެވެ. އާދައިގެ ފެންވަރަކަށް ހަދާފައި ހުންނަ ގެތަކުގައި އުޅޭ މީހުންނަށް މި ފަދަ ހާދިސާތަކުގެ ނުރައްކާ ބޮޑެވެ. ޖުއީޒް ޖެ ފޯރާގައި ދިރިއުޅޭ ފްލާވިޔޯ ކްލެމެންޗް ރޮދްރީގޭޒް ބުނީ، މައި ސަރުކާރުގެ ފަރާތުން އެ މީހުންނަށް އެއްވެސް ވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުން ނުދާ ކަމުގައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ފަދަ ހާދިސާތައް އިތުރުވަމުންދާ ކަމުގައި ސައިންސްވެރިން ބުނެއެވެ. މި ގޮތުން، ބްރެޒިލްގެ އަވައްޓެރި ޕެރޫއަށް ވެސް މި ވަގުތު ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެ ޤައުމުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވުމާ ގުޅިގެން ފެބުރުވަރީ 25ވަނަ ދުވަހު އެ ޤައުމުގެ ސަރުކާރުން ވަނީ ކުއްލިހާލަތު އިޢުލާންކޮށްފައެވެ.