ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވެއްޖެއެވެ.
ނިމާލް ނިޔާވެފައިވަނީ ސްޓްރޯކް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިމާލަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
ނިމާލް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޢާއިލާއިން މަސައްކަތްކުރި ނަމަވެސް ފްލައިޓުގައި ގެންދެވޭވަރަށްވުރެ ސީރިއަސްކަމުން ރާއްޖެއިން ބޭރަށް ގެންދެވޭގޮތެއް ނުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ، މާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށެވެ. އަދި ސްޓްރޯކް ޖެހުމާއެކު އޭނާ ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ވެއްޓުނު ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.
ނިމާލަކީ، ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޤުބޫލު ފަންނާނެކެވެ. އޭނާ ފިލްމީ ދާއިރާއަށް ނުކުތީ, 1984 ވަނަ އަހަރު އީސާ ޝަރީފުގެ "ނުފޫޒު" ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 1993ވަނަ އަހަރު ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ" އަކީ ދިވެހި ތާރީޚުގައި އާންމުންގެ ބޮޑު މަޤުބޫލު ކަމެއް ހޯދި ފިލްމެކެވެ.
ނިމާލް ޑައިރެކްޓު ކުރި އަދި މުހިންމު ރޯލުތައް އަދާކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޒަލްޒަލާ"،"ޔޫސުފް" އަދި "ނިއުމާ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ. މީގެއިތުރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް، ޓީވީއެމުން ގެނެސްދޭ މުޙައްމަދު ރަސޫލުﷲ ސީރީޒްގެ މުހިއްމު ކެރެކްޓަރތަކަށް ނިމާލް އަޑުއަޅާފައިވެއެވެ. މީގެއިތުރުން ޓީވީއެމްއާއި ގުޅިގެން ތައްޔާރުކުރި "މީކާކު؟" "ތަރިންގެ ވިދުވަރު" ފަދަ ޕްރޮގްރާމްތަކަކީ އާންމުންގެމެދުގައި މަޤުބޫލު ޕްރޮގްރާމްތަކެވެ. ނިމާލް ލީޑުން ފެނިގެންދިޔަ ސަޅިބައިސާ ސީރީޒްއަކީވެސް ދިވެހީންގެ ހަނދާނުން ފިލާނުދާ ނިމާލްގެ މޮޅު ހުނަރު ފެނިގެންދާ ސީރީޒްއެކެވެ. ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު ނިމާލަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ.