ޚަބަރު

ނޮޅިވަރަންފަރަށް ދިމާވި ކަރަންޓު މައްސަލަ ހައްލުވެއްޖެ


  • އިންޖީނަށް ދިމާވި މައްސަލަ ރޭމެންދަމުގެ ވަގުތެއްގައިވަނީ ހައްލުވެފައި

  • އައްޑޫ މަރަދޫ ކަރަންޓު ކޭބަލް ބަދަލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން

  • ފެނަކައިން 156 ރަށަކަށް އަންނަނީ ކަރަންޓުގެ ޚިދުމަތްދެމުން

ނޮޅިވަރަންފަރަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް އެރަށަށް ކަރަންޓު ފޯރުކޮށްދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަންފަރުގެ އިތުރުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ނޮޅިވަރަންފަރުގައި ބޭނުންކުރަމުންދިޔަ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުން އިއްޔެވަނީ ކަރަންޓު ކެނޑިފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކައިން ވިދާޅުވީ، މިމައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ރޭ މެންދަމު 02:30 ހާއިރު އެރަށަށް އެއްކޮށް ކަރަންޓު ފޯރުކޮށްދެވިފައިވާކަމަށެވެ.

ފެނަކައިން ވިދާޅުވީ ރަމަޟާން މަސް ފެށުނުއިރު އައްޑޫގެ އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނު މައްސަލަވެސް މިހާރު ހައްލުވެފައިވާކަމަށެވެ. އެހެންނަމަވެސް ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މަރަދޫގައި ކަރަންޓު ކެނޑިފައިވާކަމަށާއި އެކަން ހައްލުކުރުމަށް އިތުރު ކޭބަލެއް ގުޅައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އައްޑޫގައި ކުރިން ބޭނުންކުރަމުންދިޔަ އެހެންނަމަވެސް މިވަގުތު ބޭނުން ނުކުރާ ޖަނަރޭޓަރެއް ވަގުތީގޮތުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާލެއިން އިތުރު ޖަނެރޭޓަރެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ފެނަކައިން ވިދާޅުވެއެވެ.

ރަމަޟާން މަހަކީ ކަރަންޓު ކެޕޭސިޓީ އިތުރުވާ މަހެކެވެ. ލޯޑު މަތިވުމުން އިންޖީނުތަކަށް މައްސަލަތައް މެދުވެރިވީ ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިރަމަޟާން މަހާދިމާކޮށްވެސް އަތޮޅުތަކުގެ ގިނަ ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތްވެސް އެކުންފުނިންވަނީ ކޮށްފައެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 156 ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.