2025ވަނަ އަހަރުގެ މާރިޗު މަހުގެ 23ވަނަ ދުވަހު ކުއްލި ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތަކެއްގެ ގޮތުގައި ސާފުކޮށް ފާހަގަކޮށްފައިވާ އުޅަނދުތަކަކަށް ޔަހޫދީން ޙާމަލާދީ 15 މީހުން ޝަހީދުކޮށްލި ހާދިޘާގައި ޔަހޫދީން 900އަށްވުރެ ގިނަ ވަޒަން ބޭނުންކޮށްފައިވާ ކަމަށާއި، ޙަމަލާގައި ސަލާމަތްވި މީހުންގެ ގަޔަށް ކައިރިން ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމަށް ތަހުޤީޤަކުން ދައްކައިފިއެވެ.
ދިރާސާކުރާ މިނިވަން އިދާރާއެއް ކަމަށްވާ ފޮރެންސިކް އާކިޓެކްޗަަރ އަދި އަޑުގެ ޚާއްޞަ ތަހުޤީޤުތައް ކުރާ އިއަރޝޮޓުން ވަނީ ރަފަޙްގެ ހުޅަނގުގައި އޮންނަ އަވަށެއް ކަމަށްވާ ތަލް-އަލް ސުލްޠާންގައި ދީފައިވާ މި ޙަމަލާގެ މިހާތަނަށް ތައްޔާރުކޮށްފައިވާ އެންމެ ތަފްޞީލީކޮށް ރީކޮންސްޓްރަކްޝަން ތައްޔާރުކޮށްފައެވެ.
ޔަހޫދީންގެ އެ ޙަމަލާގައި މަރުވި 15 މީހުންގެ ތެރޭގައި ޕަލަސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީއަށް ނިސްބަތްވާ ޕެރެމެޑިކުންނާއި ފަލަސްޠީނުގެ މަދަނީ ދިފާޢުއަށް ނިސްބަތްވާ އަލިފާން ނިވާ ފަޔަރފައިޓަރުންނާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވާ އދގެ އިދާރާ، އުންރުވާގެ މުވައްޒަފެއް ހިމެނެއެވެ.
ފޮރެންސިކް ތަހުޤީޤުތަކުން ދައްކާގޮތުގައި އެ ޙަމަލާއަކީ ދުރާލައި ރާވައި ދީފައިވާ ޙަމަލާއެކެވެ. އެ ޙަމަލާގައި ޔަހޫދީންނާ ދެކޮޅަށް ދިފާޢުގައި ބަޑި ޖަހާފައެއް ވެސް ނުވެއެވެ. ކުއްލި ޙާލަުތުގައި މަސައްކަތްކުރާ މި މަސައްކަތްތެރިންގެ ސަބަބުން ޔަހޫދީންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ. އަދި ޙަމަލާގައި ސަލާމަތްވި އެންމެން ވެސް ޝަހީދުކޮށްލުމަށް ދުރާލާ ނިންމާފައިވާ ކަން ފާހަގަވެފައިވެއެވެ.
ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ޝަހީދުވި ޕެރެމެޑިކެއް ކަމަށްވާ ރިފާތު ރަދުވާންގެ ފޯނުގެ ކެމެރާއިން ރެކޯޑުކޮށްފައިވާ އޯޑިޔޯއާއި ވީޑިޔޯއެވެ. ފަސް މިނެޓާ ބައިގެ އެ ރެކޯޑިންގތަކުން ވަނީ އެތައް ސަތޭކަ ފަހަރު އުޅަނދުތަކަށް އަމާޒުކޮށް ޔަހޫދީން ބަޑީގެ ޙަމަލާ ދީފައިވާކަން ފާހަގަވެފައެވެ. އެކި ވީޑިޔޯތައް އެކުގައި ތަހުޤީޤުކޮށް، ޖުމްލަ 910 ބަޑީގެ ޙަަމަލާ ދީފައިވާ ކަން ތަހުޤީޤަށް ވަނީ ކަށަވަރުވެފައެވެ.
އެ އުޅަނދުތަކަށް ޙަމަލާ ދިން ޔަހޫދީ ސިފައިން ތިބީ އުޅަނދުތަކާ ގާތްގަނޑަކަށް 40 މީޓަރު ދުރުގައި ހުރި އުސް ވެލިފުންޏެއްގެ މަތީގައި ކަމަށް ބެލެވެއެވެ. ބަޑި ޖަހާފައިވާ ގޮތުގެ އަޑާއި، ވަޒަނުގެ އަޑު އެކޯ ވުމަށް ހޭދަވެފައިވާ ވަގުތު ދިރާސާކޮށް، ބަޑި ޖެހީ ގާތްގަނޑަކަށް ފަސް މީހުން ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސިފައިން ތިބި މަޤާމުތައް ތަހުޤީޤުން ވަނީ ފާހަގަކޮށްފައެވެ. އަދި ބަޑި ޖަހާފައި ވަނީ ކޮަން ދިމާލަކުން ކަމާއި ކިހާ ބާރުމިނެއްގައި ކަން ވެސް ވަނީ ލަފާކޮށްފައެވެ.
ފުރަތަމަ ދިން ވަރުގަދަ ޙަމަލާތަކަށް ފަހު ސަލާމަތްވި މީހުން ކައިރިއަށް ޔަހޫދީ ސިފައިން ގޮސް، ސީދާ ގަޔަށް ބަޑިޖަހައި އެ މީހުން ޝަހީދުކޮށްލާފައިވާ ކަން ވެސް ތަހުޤީޤަށް ވަނީ ކަށަވަރުވެފައެވެ. އެ ގޮތުން 3 ފޫޓާއި 13 ފޫޓާ ދެމެދުގެ ދުރުމިނުން ސީދާ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް ތަހުޤީޤުން ކަށަވަރުވެފައިވެއެވެ. ޙަމަލާތައް ދެ ގަޑިއިރަށް ދެމިގެން ދިޔަ ކަމަށާއި، ފަތިހު 5:09ން ފެށިގެން ހެނދުނު 7:13އާ ހަމައަށް ޙަމަލާތައް ދީފައިވާ ކަމަށް ތަހުޤީޤުގައި ބުނެފައިވެއެވެ.
ތަހުޤީޤާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޙަަމަލާއަށް ފަހު ހެކި ނައްތާލުމުގެ ގޮތުން ޝަހީދުވި މީހުންގެ ހަށިތަކާއި އުޅަނދުތައް ޔަހޫދީ ސިފައިން ވަނީ ވަޅުލައި ފޮރުވާފައެވެ. އެ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޮއިން ފާހަގަވާ ގޮތުގައި އެ ކަން ކުރުމަށް ޔަހޫދީން ބުލްޑޯޒަރު ފަދަ ބަރު އުޅަނދު ބޭނުންކޮށްފައިވެއެވެ. އުޅަނދުތައް ވަޅުލާފައި ވަނީ ބުލްޑޯޒަރު ބޭނުންކޮށްގެން އެ އުޅަނދުތައް ފުނޑުފުނޑުކޮށްލުމަށް ފަހުގައެވެ.
އޯޑިޔޯ އެނޭލިސިސްއިން ޙަމަލާގައި ބައިވެރިވި ޔަހޫދީ ތިން ސިފައިންގެ ވަނަވަރު ވެސް ދެނެގަނެފައިވެއެވެ.