ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 5000އަށްވުރެ ގިނަ ފޯމު ހުށައެޅައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ފޯމު ހުށައަޅަނީ އޮންލައިންކޮށް، "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.
އިމަރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާތަނަށް ޖުމުލަ 5067 މީހުން ފޯމު ހުށައަޅާފަވާކަމަށެވެ. މީގެތެރޭގައި ގިނަ މީހުން ފޯމު ހުށައަޅާފަވަނީ ފްލެޓަށް އެދިއެވެ. ފްލެޓަށް އެދި 3434 މީހުން މިހާތަނަށް ފޯމު ހުށައަޅާފަވެއެވެ. އަދި ގޯއްޗަށް އެދި 1633 މީހުން ވަނީ ފޯމު ހުށައަޅާފައެވެ.
އަދި ފޯމު ފުރުމުގެ ޑްރާފްޓް މަރުޚަލާގައި 11،304 މީހުން ތިބިކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ.
ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފަވަނީ ރަސްމާލެއިންނެވެ.
މި އުސޫލުގެ ދަށުން 7،900 ފްލެޓް ދޫކުރެއެވެ. އެއީ މާލެއާއި ވިލިމާލެ ހިމެނޭހެންނެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގައިވެސް މާލެއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ.
އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް، ބޯހިޔާވަހިކަމުގެ ސްކީމަށް ބަދަލުތައްވެސް ދަނީ ގެންނަމުންނެވެ. އެގޮތުން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަނބިމީހާ/ފިރިމީހާގެ ގޯއްޗެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކެޓަގަރީއެއް ކަނޑައެޅުމަށް ނިންމާފައެވެ.
އަދި ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ޖޮއިންޓްކޮށް ހިމެނޭ އެންމެން، އެންމެން އެއްކޮށް ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ކަނޑައެޅާ، ގޯއްޗަށް އެދުމަށް ހުޅުވާލުމަށްވެސް ނިންމާފަވާކަމަށެވެ. ޖުމުލަ 2،000 ގޯތި ކަނޑައެޅުމަށް ނިންމާފަވެއެވެ.
މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.