ސައުދީއާއި ރާއްޖެއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، މިހާރު މިގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ ވިދާޅުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރުވަނީ ރާއްޖެއާއި ސައުދީއާއި އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި އިސްވެރިންގެ އިތުރުން، ސަޢުދީ އެމްބަސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ސަޢުދީ ޢަރަބިއްޔާ ތައުސީސް ކުރެވުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ ވިދާޅުވީ، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން އެކި ދާއިރާތަކުން ކުރިއެރުން ލިބެމުންއަންނަކަމަށެވެ. ސަފީރުގެ ވާހަކަފުޅުގައި ވަނީ، ދެ ޤައުމުގެ ގުޅުމާމެދު ފަޚުރުވެރިވާކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
"ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ އަދި ބަދަހިވެފައިވާ ގުޅުން ފާހަގަކޮށްލަން. މި މުހިންމު މުނާސަބަތުގައި، އަޅުގަނޑުމެންގެ ތާރީޚާއި، އަޅުގަނޑުމެންގެ އިތުބާރާއި، އަޅުގަނޑުމެންގެ ލީޑާޝިޕަށް އަޅުގަނޑުމެން ފަޚުރުވެރިވެ، މުސްތަޤްބަލަށް އުންމީދު ކުރަން" ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި އެ ޤައުމުގެ ރައްޔިތުންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައެވެ.