ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި މިރޭ އިންޑިޔާ އާއި ދެކުނު އެފްރިކާ ބައްދަލު ކުރާ މެޗަކީ ޝައުގުވެރި މެޗަކަށްވާނެ އެވެ. އިންޑިޔާގެ ނަރެންދްރަ މޯދީ ސްޓޭޑިއަމުގައި މި ދެ ގައުމު ގަދަ އަށެއްގެ މުހިންމު މެޗަކަށް ނުކުންނައިރު ދެ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަން ތިބީ ދެބެންނެވެ.
ދެކުނު އެފްރިކާގެ ޓީމުގެ ކޮންސަލްޓަންޓަކީ އެ ގައުމުގެ ކުރީގެ ކުޅުންތެރިޔާ މޯނޭ މޯކެލް އެވެ. އިންޑިޔާގެ ބޯލިން ކޯޗަކީ އޭނާގެ ކޮއްކޮ އަލްބީ މޯކެލް އެވެ. މި ދެ ބެންގެ ވެސް ވާދަވެރި މި މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަލްބީ ބުނީ އޭނާގެ ފަންނީ ލަފާ އަކީ އިންޑިޔާ ޓީމު މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.
"ފަންނީ ލަފާ އަކީ ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ހާއްސަ ލަފާ ދިނުން. އަހަރެން ޖެހެނީ އިންޑިޔާ ބަލިކުރާނެ ގޮތް ހޯދައި ބުނެދޭން. އަހަރުމެން އެންމެ ފުރަތަމަ ކޯޗުކަން ކުރީ އެކުއެކީގައި. އެ ގޮތުން އޭނާ މޮޅު ބޯލިން ކޯޗަކަށް ބަދަލުކޮށްލީ އަހަރެން. އެކަން ކުރާނެ ގޮތް އޭނާ އަށް ބުނެދެނީ އަހަރެން،" އިންޑިޔާގެ ކްރިކެޓް ބޯޑުގެ ރަސްމީ ސޯޝަލް މީޑިއާތަކުގައި މޯނޭ ބުންޏެވެ.
މެޗާ ބެހޭ ގޮތުން އަލްބީ ބުނީ ބޯލިން ކޯޗަކަށް ވުމަކީ އެތައް ގޮތަކުން ޒިންމާ ބޮޑު ކަމެއް ކަމަށެވެ.
"މިއީ ވަރަށް ޕްރެޝަރު ބޮޑު މަސައްކަތެއް ބޯލިން ކޯޗަކަށް ވުމަކީ. އެކަމަކު އަހަރުމެން ޓީމުގައި ވަރަށް ތަޖުރިބާ އެބަހުރި. އެއީ އޮތް ވަރަށް ބޮޑު ފަސޭހައެއް. މީހުންނަށް ނަފްސާނީ ގޮތުން ވަރުބަލި ކުރެވިދާނެ. އެކަންކަމަށް އަހަރެން ޓީމު ތައްޔާރު ކުރަން ޖެހޭ،" އަލްބީ ބުންޏެވެ.
ދެ ބެންގެ ގާތްކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޯނޭ އާއި އަލްބީ ވެސް ބުނީ ލޭގެ ގުޅުމަކީ އެ މީހުންގެ ޕްރޮފެޝަނަލް ކަމަށް ހުރަސް އަޅާނެ ކަމެއް ނޫން ކަމަށެވެ.
"އޭނާ މަސައްކަތް ކުރަނީ އިންޑިޔާ އަށް. އަހަރެން މަސައްކަތް ކުރަނީ ދެކުނު އެފްރިކާ އަށް. ދެ މީހުންގެ ވެސް މަގްސަދަކީ އެއް ކަމެއް. އެއީ މޮޅުވުން. އަހަރުމެން މި ތިބީ ވަރަށް ހަމަޖެހިގެން، ވަރަށް ޕްރޮފެޝަނަލްކޮށް،" މޯނޭ ބުންޏެވެ.
އޭނާ އަދި ބުނީ ޅައިރުގެ ހަނދާންތަކަށް ބަލާއިރު ދެ މީހުންނަކީ އަބަދުވެސް ކޮންމެ މެޗެއްގައި ވެސް ދެ ފަޅިން ވާދަކުރި ދެ މީހުން ކަމަށާއި ބައެއް ފަހު ކޮއްކޮ ރޮއި ހަދާ ކަމަށެވެ.
"އަހަރެން ހަނދާން ހުރޭ އޭނާ ބައެއް ފަހަރު ރޮއި ހަދާނެ އަހަރުމެން ކުޑައިރު ކުޅެން އުޅޭއިރު. އެއީ އޭނާ ޅަވީމަ. އެކަމަކު އަހަރުމެން މިހާރު ތިބީ ޕްރޮފެޝަނަލް މިންގަނޑެއްގެ ތެރޭގައި. އަހަރެން ކުރިއެރުން ހޯދައިފިން،" މޯނޭ ބުންޏެވެ.
އަލްބީ ވަނީ ދެކުނު އެފްރިކާ އަށް 109 މެޗު ކުޅެދީފަ އެވެ. އަދި މޯނޭ ވަނީ 247 މެޗު ކުޅެދީފަ އެވެ.