ޚަބަރު

ފުރަތަމަ ފަހަރަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ހުކުރުދުވަހު


  • ހުކުރު ދުވަހު ޚިދުމަތްދޭން ފެށުމުން އަތޮޅުތަކުން އަންނަ ކުދިންނަށް ލޭ އެޅުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެ

  • ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ފެށީ 1994 ވަނަ އަހަރު

ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފެށިތާ 31 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހު އެ ސެންޓަރުން ޚިދުމަތްދޭން ފަށައިފިއެވެ.

ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވަނީ 1994 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.

ތެލަސީމިއާ ފަރުވާގެ ޚިދުމަތަކީ ތެލަސީމިއާ ހުންނަ ފަރާތްތަކުގެ ދިރިހުރުމާއި ގުޅިފައިވާ މުހިއްމު ޚިދުމަތެކެވެ. ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާ ދިނުމަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރިފަހުން 31 އަހަރުވެފައިވާއިރު ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ލިބެނީ ހުކުރު ދުވަސް ފިޔަވާ ހަފްތާގެ އެހެން ދުވަސްތަކުގައެވެ. ހުކުރު ދުވަހު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ތެލަސީމިއާ ތަޙައްމަލުކުރާ ފަރާތްތަކުން އެދެމުންދިޔަކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 31 އަހަރުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތް ދީފައިނުވާކަމަށެވެ. މިކަން ބަދަލުކޮށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުކުރު ދުވަހު އެކަނިވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާކަމަށާއި 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަމަޟާން މަހަށްފަހުވެސް ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދާ ދިމާކޮށް ލޭ އެޅުމަށް މާލެ އަންނަ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން 30 އަހަރަށްވުރެ ގިނަ ދުވަސްވީ ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ޒަމާނީ ވަޞީލަތްތަކާއެކު ހުޅުމާލޭގައިވަނީ އައު ސެންޓަރެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއްވަނީ ދޭން ފައްޓަވާފައެވެ. ހަމައެއާއެކު ތެލަސީމިއާ ފަރުވާ ފުޅާކުރުމަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސްދަނީ މަސައްކަތްކުރަމުންނެވެ.