އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ޤައުމުތަކުން އެތެރެކުރާ މުދަލުން ނެގުމަށް ކަނޑައަޅުއްވާފައިވާ ބޮޑެތި ޓެރިފްތަކަކީ ޤާނޫނީ ގޮތުން ނެގޭނެ ޓެރިފްތަކެއް ނޫން ކަމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ކަނޑައެޅިނަމަވެސް، ދުނިޔޭގެ އިޤްތިޞާދަށް އެ ޙުކުމުން މާބޮޑު ތަސައްލީއެއް ނުލިބޭނެކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއްޖެއެވެ.
އެންމެ މަތީ ކޯޓުގެ މި ނިންމުމުގެ ސަބަބުން ޓްރަމްޕްގެ ވިޔަފާރި ސިޔާސަތަށް ހިޔަނި އެޅޭނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، އެމެރިކާގެ ސުޕްރީމް ކޯޓުގެ މި ޙުކުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި އިތުރު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް މާހީރުން ޤަބޫލުކުރައްވައެވެ. ސަބަބަކީ، އެ ޙުކުމާ ދެކޮޅަށް ޓްރަމްޕް މިހާރު ވެސް ތެދުވެވަޑައިގެންފައިވާތީއެވެ. އަދި ޙުކުމުން ބާތިލުކުރި ޓެރިފްތަކުގެ ބަދަލުގައި، ޓްރަމްޕް ކަނޑައަޅުއްވާނެ އައު ޓެރިފްތަކާމެދު އުފެދިފައިވާ ސުވާލުތަކަކީވެސް ނުތަނަވަސްކަން އުފެދިފައިވާ މައިގަނޑު ސަބަބެވެ.
އަދި ޓެރިފް ބޮޑުކޮށްފާނެކަމުގެ ބިރަށް، އެމެރިކާ އާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހެދި ޤައުމުތަކަށް ވެސް، އެ އެއްބަސްވުންތައް އަލުން މުރާޖަޢާކޮށްފާނެކަމުގެ ބިރު ބޮޑުކަމަށް މާހިރުން ޤަބޫލުކުރައްވައެވެ.
ޓްރަމްޕް ޓެރިފްތައް ތަޢާރަފް ކުރެއްވި ފަހުން މިހާތަނަށް ޓެރިފްގެ ގޮތުގައި 175 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއަށް ލިބިފައިވާއިރު، އެ ފައިސާ އަނބުރާ ޤައުމުތަކަށް ރައްދުކުރާނެ ގޮތެއް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ޓްރަމްޕް މިހާރު ވިސްނަވާފައިވަނީ، އެހެން ޤާނޫނެއްގެ ދަށުން 150 ދުވަހަށް ހުރިހާ ޤައުމުތަކަށް 10 އިންސައްތައާ ހަމައަށް ޓެރިފް ބޮޑުކުރެވޭނެ މަގު ޚިޔާރުކުރެއްވުމަށެވެ.
ނަމަވެސް، އެކަން ތަންފީޒުކުރައްވާނެ ސީދާ ތާރީޚެއް ޓްރަމްޕް ވިދާޅުވެފައިނުވުމަކީ ވެސް، ދުނިޔޭގެ ބާޒާރަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ އިތުރު ސަބަބެކެވެ.
މީގެއިތުރުން، ސުޕްރީމް ކޯޓުގެ ޙުކުމުން އެލުމީނިއަމް އާއި ދަގަނޑު ފަދަ މުދަލުގެ ވަކިވަކި ބާވަތްތަކަށް ޓެރިފް ބޮޑުކުރުމަށް ހުރަސްއެޅިފައިނުވާއިރު، މުދަލުގެ އިތުރު ބާވަތްތަކުން ޓެރިފް ބޮޑުކޮށް، ޓްރަމްޕް ދެން ޢަމަލުކުރައްވާނެ ގޮތެއް ލަފާކުރަން ދަތިވުމަކީ، ދުނިޔޭގެ އިޤްތިޞާދަށް ތަސައްލީއެއް ނުލިބޭނެކަމަށް މާހިރުން ޤަބޫލުކުރައްވާ އަނެއް ސަބަބެވެ.