ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ގަދަ އަށެއްގައި މިއަދު ނިއުޒީލޭންޑަށް މޮޅުވެވޭނީ ޕާކިސްތާނުގެ ބުރަކި އުކުންތެރިން ހުއްޓުވައިގެން ކަމަށް އޮސްޓްރޭލިޔާގެ ކުރީގެ ކެޕްޓަން ރިކީ ޕޮންޓިން ބުނެފި އެވެ.
ސްރީލަންކާގެ ރަނަހިންހާ ޕްރެމަދާސާ ސްޓޭޑިއަމުގައި މިއަދު އިރު އޮއްސޭއިރު ފަށާ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕޮންޓިން ބުނީ ދެ ކަމަކަށް ނިއުޒީލޭންޑް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"ފުރަތަމަ އެ މީހުންގެ ސްޕިން އުކުންތެރިންގެ މި މުބާރާތުގައި ދަނީ ވަރަށް މޮޅަށް ކުޅެމުން. އެ މީހުންގެ ބޯޅަތަކަށް ޑީލް ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު. މި މުބާރާތުގައި ޕާކިސްތާން ޓީމުން ތަފާތު ދައްކަނީ އެ މީހުން. ޝާހީން ޝާހް އަފްރީދީ ވެސް މިހާރު އެވަނީ ޓީމުން އުނިކޮށްފައި އެ މަގާމު ދިނީ އަނެއްކާ ވެސް ސްޕިން ކުރާ އުކުންތެރިއަކަށް. މީގެ ސަބަބުން ޕާކިސްތާނުގެ ބޯލިން ނުރައްކާވާނެ،" އޮސްޓްރޭލިޔާ އަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ ޕާކިސްތާނުގެ ޒުވާން ބެޓްސްމަން ސައިމް އަޔޫބަކީ ވެސް ނިއުޒީލޭންޑް ވިސްނަންޖެހޭ ކުޅުންތެރިއެއް ކަމަށެވެ.
"އޭނާ އަކީ ވަރަށް ޒުވާން ކުޅުންތެރިއެއް. އެކަމަކު އޭނާގެ ކުޅުން ފެންނަނީ ވަރަށް ވަރުގަދަ ލެޖެންޑެއް ފަދައިން. އޭނާ މި މެޗުގައި މޮޅަށް ކުޅެފިނަމަ ޕާކިސްތާން ބަލި ކުރަން އުނދަގޫވާނެ،" ޕޮންޓިން ބުންޏެވެ.
ނަމަވެސް އަޔޫބަކީ މި މުބާރާތުގައި ޕާކިސްތާން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް އެއް ފެންވަރެއްގައި ކުޅެވުނު ކުޅުންތެރިއެއް ނޫނެވެ. އެކި މެޗުތަކުގައި އޭނާގެ ބެޓިން އެކި ފެންވަރަށް ހުންނާތީވެ ޕާކިސްތާނުގެ އެންމެ ބޮޑު އެއް މައްސަލަ އަކީ ވެސް ބެޓިން އޯޑަރު ރާވާނުލެވުމެވެ. މި ގޮތުން ފަހްރުއްޒަމާނަށް ކުޅުމުގެ ފުރުސަތުދޭން ޕާކިސްތާން ސަޕޯޓަރުން ގޮވާލަމުންދާއިރު ބާބަރް އަޒަމް ވެސް ފުރަތަމަ ހަތަރު ބެޓްސްމަނުންގެ ތެރޭގައި ނުހިމަނަން ކޯޗު ވަނީ ނިންމާފަ އެވެ. މީގެ ބަދަލުގައި އޭނާ ލައްވައި ކުޅުވަން ވިސްނަމުންދަނީ މެދުތެރެއިންނެވެ. އެއީ ވެސް އެއް ފެންވަރެއްގައި ބެޓް ނުކުރެވޭތީ އެވެ.