ތަރައްްޤީ

ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އިތުރު ކޮމްޕިއުޓަރ ސިސްޓަމް ހޯދަނީ


ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްދޭ ބައެއް ދާއިރާތަކުގެ ކަންކަން ރަނގަޅުކުރުމަށް ޢާންމު ރައްޔިތުން ބާރުއަޅައި، ރަނގަޅުނުވާކަމުގެ ޝަކުވާއާއި ރަނގަޅުވުން ލަސްކަމުގެ ޝަކުވާ ޢާންމުން ކުރަމުން ގެންދާތާ އަހަރުތަކެއް ވަނީ ވެފައެވެ. އަދި ޢާންމު ހޭލުންތެރިކަން އިތުރުވުމާއި ޖަވާބުދާރީކުރުމާއި ޙައްޤުތަކަށް މަސައްކަތްކުރުމުގެ ނިޒާމްތައް ޤާއިމްކުރެވޭވަރަކުން މިފަދަ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ.

ސަރުކާރުން މިފަދަ ކަންކަމަށް ދެއްވާ ސަމަލުކަން އިތުރުކުރައްވައި، އަސާސީ ޚިދުމަތްދިނުމުގެ ދާއިރާތައް އިތުރަށް ހަރުދަނާކުރެއްވުމަށާއި ހަލުވިކުރެއްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދެއްވުމަށް ގެންދަވަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުން ހިންގަވާ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ހޯއްދެވުމަށްވެސް މި މަސައްކަތްތަކުގެ ދަށުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި ސަރުކާރުންގެ ފަރާތުން ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްދެއްވާ ތަންތަނަށް މިއަހަރުވެސް 384 ކޮމްޕިއުޓަރ ހޯއްދެވުމަށް ގެންދަވަނީ މި މަސައްކަތްކުރަނެވެ. މިމަސައްކަތް ކުރިޔަށް ގެންދަވަނީ ކްލިކް ކޮމްޕިއުޓަރސް އާ ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރައްވައިގެންނެވެ.

މި ކޮޕްޕިއުޓަރތަކުގެ ތެރެއިން ތެރެއިން 15 ކޮމްޕިއުޓަރ މާލެ ގެނެވި، ބައެއް ރަށްރަށަށް ފޮނުވާފައިވާކަމަށް ލެތްމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޤާސިމް ވިދާޅުވީ 384 ކޮޕްމިއުޓަރ މިއަހަރުގެ ނިޔަލަށް ގެނެވޭނެއިރު ރާއްޖޭގެ ސަރުކަރުގެ ފަރާތުން ޞިއްޙީ ޚިދުމަތްދެއްވާ ހުރިހާ ތަނަކަށްވެސް ކޮމްޕިއުޓަރ ދެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ.

"މި ކޮމްޕިއުޓަރތައް ރާއްޖޭގެ ހުރިހާ ރަށަކަށް  ކޮމްޕިއުޓަރތައް ދާނެ. އެރަށެއްގެ ނިސްބަތުން މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލާފައި ދާނެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އާސަންދައިގެ ޚިދުމަތް އޮތީ ފަށާފައި. އާސަންދައިގެ ޕޯޓަލް ފެށުމަށްޓަކައި މަސައްކަތް ކުރެވެމުންދަނީ ހުރިހާ ރަށެއްގައިވެސް މި ޚިދުމަތް ދިނުމަށް ކޮމްޕިޓަރ ބޭނުންވާނެ. ބައެއް ރަށްތަކަށް 5 ކޮމްޕިއުޓަރ ލިބިގެންދާއިރު އަނެއްބައި ރަށްތަކަށް ދޭ ނުވަތަ ތިން ކޮމްޕިއުޓަރ ލިބިގެންދާނެ. ދަންނަވާނީ ރާއްޖޭގެ އެއްވެސް ރަށަކަށް ކޮމްޕިއުޓަރ ނުލިބިނުދާނެ" އަޙްމަދު ޤާސިމް ވިދާޅުވިއެވެ.

 ވޭތިވެދިޔަ 8 އަހަރުދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް މިފަދަ ވަޞީލަތްތައް ހޯދިފައިނުވާކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ މި ފަދަ ވަޞީލަތްތައް އެކަށީގެންވާ މިންވަރަށް ބައެއް ރަށްރަށުގައި ނެތްކަމަށެވެ.

"ބައެއްރަށްރަށުގައި އެންމެ ކޮމްޕިއުޓަރ ބޭނުން ކުރާތަންތަންވެސް އެބަހުރި. ބަލަމާހިނގާ އެތަނުގެ ބަޖެޓްގެ މަސައްކަތާއި އެތަނުގެ އިދާރީ މަސައްކަތާއި އެތަނުގެ ބަލިމީހުންނާއި ގުޅޭ މަސައްކަތްތަކާއި އާސަންދައިގެ ހިދުމަތްތަކާއި އަދި ހަމައެއާއެކު، ސަރުކާރުން ފެމެލީ ޑޮކްޓަރުން ޑަކްޓަރުންގެ ހިދުމަތް ފަށައިގަންނަން މިއުޅެނީދެއްތޯ. އެމަސައްކަތާއި މިހުރިހާ ކަމެއް  ކުރެވެމުންދާއިރުގައި އައިޓީގެ ރަނގަޅު ވަސީލަތްތައް ނެތި ކިހިނެއްތޯ މި ހިދުމަތް ދޭނީ" އަޙްމަދު ޤާސިމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ހޯދަވަމުން ގެންދަވާ ކޮމްޕިއުޓަރތައް ލިބުމުން ބަލިމީހުންގެ ކަންތައްތަކާއި އިދާރީކަންތައް ބެލެހެއްޓުމުގައި ފަސޭހަ ވެގެންދާނެކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. ހެލްތް މިނިސްޓްރީން ގެންދަވަނީ މިފަދަ ވަޞީލަތްތައް އެންމެ ބޮޑަށް ބޭނުންވާ ރަށްރަށް ބައްލަވައިގެން، އެރަށްރަށަށް މި ފަދަ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރައްވަމުންނެވެ ކޮމްޕިއުޓަރ ގެނައުމުގެ މަސައްކަތައް ގާތްގަޑަކަށް 3.6 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.