އާބާތުރަފިލުވައި، ތަރައްޤީކުރުމުގެ މަސައްކަތަށް ބަންދުކޮށްފައި އޮތް ޖުމްހޫރީ މައިދާން ސަރަޙައްދު ވަގުތީގޮތުން ހުޅުވާލައިފިއެވެ.
ޖުމްހޫރީ މައިދާން ވަގުތީ ގޮތުން ހުޅުވާފައިވަނީ އާބާތުރަފިލުވާ ތަރައްޤީކުރުމަށް މިހާރު ކުރިއަށްގެންދާ މަސައްކަތުގެ %90 މަސައްކަތް ވަނީ ނިންމާލުމަށްފަހުއެވެ.
އާބާތުރަފިލުވާ ބައެއް ބަދަލުތައް ގެނައުމަށް ޖުމްހޫރީ މައިދާން ބަންދުކުރީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީއާއި ހަވާލުކޮށްގެންނެވެ.
އާރުޑީސީން ވިދާޅުވީ ޖުމްހޫރީ މައިދާން ނުހުޅުވި ލަސްތަކެއް ވަނީ، ފްލޯރިންއަށް ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި ގެނައުމުގައި އުޅޭ ލަސްތަކެއްގެ ސަބަބުންކަމަށެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނައަދަދަކަށް ބަޔަކު ހިތްފަސޭހަކޮށްލުމަށް ރޯދަމަހު ބޭނުންކުރާ މައިޒާނަކަށްވުމުން އެ ސަރަޙައްދު ވަގުތީ ގޮތުން ހުޅުވާލަން ނިންމީކަމަށް އާރުޑީސީން ވިދާޅުވެއެވެ.
ޖުމްހޫރީ މައިދާން ސަރަޙައްދު ހުޅުވާލި ނަމަވެސް، ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެކަމަށް ސަމާލުވުމަށްވެސް އާރުޑީސީން އިލްތިމާސްކުރައްވައެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތައް އާބާތުރަފިލުވާ ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ޖުމްހޫރީ މައިދާން ބަންދުކޮށްފައިވަނީ އެސަރަޙައްދަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު ކަންތައްތަކެއް ހިނގާފައިވާ އެންމެ ފަޚުރުވެރި އެއް ސަރަޙައްދަށް ވެފައި، މާލޭގެ މަލަމަތީގެ ހައިބަތު ހިފަހެއްޓުމާއެކު، އެ ސަރަޙައްދުގެ ހިތްގައިމުކަން ދެމެހެއްޓުމަށް ތަރައްޤީކުުރުމަށެވެ.
މި މަސައްކަތުގައި ޖުމްހޫރީ މައިދާނަށް މުހިންމު ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ޕާކުގެ ކޮންކްރީޓް ތަޅުން ބަދަލުކޮށް، ހިނގާބިނގާވެ އުޅެން ފަސޭހަވާނެހެން ވޯކްވޭތައް ހަދާ ލޭންޑްސްކޭޕިން ވަނީ ރީތިކޮށްފައެވެ.
މީގެކުރިން އިށީނުމަށް ހަދާފަހުރި ކޮންކްރީޓް ބުރުތަކުގެ ބަދަލުގައި ލަކުޑީގެ ރީތި ފަރުމާއަކުން ބެންޗްތައް ވަނީ ހަދާފައެވެ. އަދި ހިޔާކޮށްފައިވާ ބައެއް ބެންޗުވެސް ހިމެނެއެވެ. އަދި މި ބުރުތަކުގައި ގަސް އިންދާ ފެހިކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.
ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައިވެސް ބޭނުންކުރަމުން އަންނަ ޖުމްހޫރީ މައިދާން ސަރަޙައްދަކީ ރަސްމީ އެކި ހަރަކާތްތައް ހިންގުމާއި ހަވީރުގެ ވަގުތުގައި ކުޑަކުދިން ގޮވައިގެން އާއިލާތަކުންވެސް ޒިޔާރަތްކުރާ މުހިންމު ސަރަޙައްދެކެވެ. އަދި މިއީ ކޯއްޓޭގައި ހުންނަ ބޮޑު ދިދަޔާއެކު، މާލެއަށް އަންނަ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް ސަރަޙައްދެކެވެ.
މާލޭގައި ހުރި މިފަދަ ޕާކުތަކާއި މައިޒާންތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްފަންނާއި ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.