ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މީގެތެރެއިން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓު ފާހަގަކޮށްލެވެއެވެ.
މި މާރުކޭޓު ޤާއިމުކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައެވެ.
އެޗްޑީސީން ވިދާޅުވީ، ރަމަޟާންމަހާ ދިމާކޮށް ހުޅުމާލެ ފޭސް 2ގައި ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓުން ޖުމްލަ 24 ގޮޅި ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށެވެ. ވަގުތީ މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ ކުލި ދައްކަން ނުޖެހޭގޮތަށެވެ.
މި މާރުކޭޓުން ދޫކޮށްފައިވާ 24 ގޮޅިން މަހުގެ ބާވަތްތަކާއި، ރަމަޟާންމަހު އާންމުކޮށް ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން، އެހެނިހެން ދިވެހި ކާބޯތަކެތިވެސް ލިބެން ހުރެއެވެ.
މި މާރުކޭޓަކީ ރަމަޟާން މަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްގީ ކުރި މާރުކޭޓެކެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ، ހުޅުމާލެއަކީ ހުރިހާ ޚިދުމަތެއް ފަސޭހައިން ލިބެން ހުންނަ ތަނަކަށް ހެދުމަށްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަގުތީ މާރުކޭޓުގެ ޚިދުމަތް ދީފައިވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ ކޯޕަރޭޝަނުން ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.