ޚަބަރު

ނިމުނު ހަފުތާ: ހެޔޮއަގުގައި ތަކެތި ފޯރުކޮށް ދިނުމަށް ގިނަ ފިޔަވަޅުތަކެއް


  • ރައީސް ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި

  • ރޯދަމަސް ފަށާފައިވަނީ ނިމުނު ހަފުތާގެތެރޭގައި

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (16 ފެބުރުވަރީ) އެގޮތުން ސްޕޯޓްސް އެވޯޑު 2025 ބާއްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަދުވަހުއެވެ. މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025 ގެ އެންމެ މޮޅު އެތުލީޓުންނަށް، ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ވިދުންގަދަ ޓޭބަލް ޓެނިސް ކުޅުންތެރިން ފާތިމަތު ދީމާ ސައީދާއި މޫސާ މުންސިފް އަހްމަދު އަދި ނަންއޮލިމްޕިކް ސްޕޯޓްސްގެ ތެރެއިން އެންމެ މޮޅު އެތުލީޓުންނަށް ބޮޑީބިލްޑިން ތަރި އަޒުނީން ރަޝާދު އަދި ނެޓްބޯޅަ ތަރި އީމާ އަބްދުއްސައްތާރު ވަނީ ހޮވިފައެވެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކޮށްފައިވަނީ ކުޑަމޫސައާއި ނަދީމެވެ.

ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ބަނގްލަދޭޝްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިމަހުގެ 16 އިން 18 އަށް ކުރެއްވި މި ދަތުރުފުޅަކީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް އެ ޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ އަންގާރަ ދުވަހުގައެވެ. މި ދަތުރުފުޅުގައި ރައީސްވަނީ ބަންގްލަދޭޝްގެ އައު ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ.

(17 ފެބުރުވަރީ) މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ޚާއްސަ އިނާޔަތްތަކެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމެވީވެސް މި ނިމުނު ހަފުތާގެތެރޭގައެވެ.

(18 ފެބުރުވަރީ) މީގެއިތުރުން މަސްޖިދުލް ޔޫސުފުލް ބަރުބަރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ މިސްކިތް ހުޅުވާފައިވަނީ، އެދުވަހުގެ އަޞްރު ނަމާދުގެ ވަގުތާ ދިމާކޮށެވެ. އަދި މިސްކިތް ހުޅުވުމަށްފަހު އެ މިސްކިތުގައި ވަނީ ނަމާދުކޮށްފައެވެ.

އިންތިހާބާގުޅޭ ޚަބަރުތައް

(16 ފެބުރުވަރީ) ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސްކުރި ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމެވީ މިދިޔަ ހޯމަ ދުވަހުއެވެ.

(17 ފެބުރުވަރީ) އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ރިފްޢަތު އިލެކްޝާންސް ކޮމިޝާނުގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ ލްސާގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.

(15 ފެބުރުވަރީ) ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލާ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވިކަން ހާމަވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިމަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންގޮސްފައިވާއިރު، ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮތީ ނަން ތަރުތީބުކުރުމާ ހަމައަށެވެ.

ވިޔަފާރީގެ ދާއިރާއާއި ތަރައްޤީ

ވިޔަފާރިއާއި ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (17 ފެބުރުވަރީ) ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް 2 އަށް ބަދަލު ކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

(16 ފެބުރުވަރީ) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، އާންމުދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށީ، ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.

(17 ފެބުރުވަރީ) "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާއާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދައުރުކުރަން ފަށައިފައިވަނީ ނިމުނު ހަފުތާގައެވެ. އެމްއެމްއޭއިން ވިދާޅުވީ މިއީ، އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރުނު އައު ބެޗެއްކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިމަހުގެ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިމަހުގެ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ.

(17 ފެބުރުވަރީ) ފ. އަތޮޅު އަދި ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޒޯން 4 ގައި ހިމެނޭ ތ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު، ފ. އަދި ދ. އަތޮޅާއެކު ރާއްޖޭގެ 14 އަތޮޅަކަށް މިހާރު ވަނީ އާރްޓީއެލްގެ ޚިދުމަތް ފުޅާވެފައެވެ.

(16 ފެބުރުވަރީ) އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން މިރަމަޟާންމަހު ހެޔޮއަގުގައި ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއެވެ. އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23ބާވަތެއް އިތުރުކުރައްވައި އެކަން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އޭގެ އެއްމަސްފަހުންވަނީ މިބާވަތްތައް ބާޒާރަށް ނެރެ ވިއްކަން ފަށާފައެވެ. (18 ފެބުރުވަރީ) މީގެއިތުރުން ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އިތުރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އެމްއެމްއޭއިން ވިދާޅުވީ 17 ފެބުރުވަރީ 2026 އިން ފެށިގެން 3 ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ޚާއްޞަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް އާންމު އުސޫލުގެ ދަށުން ވިއްކާ މިންވަރަށްވުރެ %32 އިތުރުކުރާނެކަމަށެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

އެހެނިހެން ދާއިރާ

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު، މިއަހަރުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށްފަހު، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބުރުވަރީކަމން އިޢުލާންކުރި ޚަބަރު ފާހަގަކޮށްލެއެވެ.

(17 ފެބުރުވަރީ) އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ހުޅުވާފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މިފިހާރަ ހުޅުވާފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.

އައިނު ހެއްދުމަށް އާންމުންގެ އަތުން ކުރަމުން ދިޔަ ބޮޑު ހޭދަ ނިމުމަކަށް ގެންނަވާ، ސަރުކާރުގެ މައި ހޮސްޕިޓަލް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މާލެއާއި އަތޮޅުތަކުގައި ކުޑަ އަގެއްގައި އައިނު ހެއްދޭނެ އިންތިޒާމު އަންނަނީ ހަމަޖައްސަވަމުންނެވެ.