ޚަބަރު

ޒަމާނީ ބަދަލުތަކާއެކު މިސްކިތްތައް އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް


  • ރޯދަމަހު 15 މިސްކިތް ހުޅުވާނެ

  • މާލޭގައި އެންމެ ފަހުން ހުޅުވީ ބަރުބަރީ މިސްކިތް

ރާއްޖޭގައި އިސްލާމީ ވަހުދަތު ފެތުރުމަށްޓަކައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތައް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށްވެސް ގިނަ އަދަދެއްގެ މިސްކިތަތައް ހުޅުވުމަށް ދަނީ މަސައްކަތްކުރައްވަމުންނެވެ.

މިދިޔަ އަހަރު މުޅި ރާއްޖޭގައި 74 މިސްކިތެއް ވަނީ ހުޅުވާފައެވެ. އަދި 7 އިސްލާމީ މަރުކަޒުވެސް މިދިޔަ އަހަރުގެ ތެރޭގައި ހުޅުވިއެވެ.

މިއަހަރުވެސް ގިނަ އަދަދެއްގެ މިސްކިތްތައް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުޅި އައު 15 މިސްކިތް ހުޅުވި، ރޯދަ މަސް ތެރޭ ވެސް ބައެއް ތަންތަން ހުޅުވާ ޖުމުލަ 19 މިސްކިތް ހުޅުވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެވުޒާރާއިން ވިދާޅުވީ މީގެތެރެއިން 6 މިސްކިތެއްގެ މަސައްކަތް ނިމިފައިވާކަމަށެވެ. ހުޅުވުމަށް ތައްޔާރުވަމުންދާ މިސްކިތްތަކުގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭނެކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން މާލޭގައި ހުޅުވާފައިވަނީ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތެވެ. މި މިސްކިތް ހުޅުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިސްކިތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މާލޭގެއިތުރުންވެސް އަތޮޅުތެރޭގެ ރަށްތަކުގައިވެސް ހެޔޮއެދޭ އަމިއްލަ ފަރާތްތަކުން ވަނީ ގިނަ އަދަދެއްގެ މިސްކިތްތައް ރަމަޟާންމަސް ފެށުމުގެ ކުރިން އިމާރާތްކޮށްފައެވެ. އެގޮތުން ރަމަޟާންމަސް ފެށުމުގެ ކުރިން މިހާތަނަށްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 7 އަކަށްވުރެ ގިނަ މިސްކިތް ވަނީ ހުޅުވާފައެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި، ރޯދައިގެ ކުރިން އޭސީ ކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ. ރައީސްގެ ވަޢުދާއި އެއްގޮތަށް އޭސީކޮށްފައިވަނީ ޖަލާލުއްދީން މިސްކިތާއި، ފުރުޤާން މިސްކިތާއި، ވިޔަފާރިވެރިންގެ މިސްކިތުގެ އިތުރުން ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ މިއަހަރުގެ ބާކީއޮތް ދުވަސްތަކުގައިވެސް މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި އިތުރު މިސްކިތްތައް އިމާރާތްކޮށް ހުޅުވިގެންދާނެކަމަށެވެ.

މިސްކިތްތައް އެޅުމާއި މަރާމާތުކޮށް، އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު، ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރެއްވިއެވެ. އަދި މިއަހަރު 15 މިލިއަން ރުފިޔާ، މިސްކިތްތައް މަރާމާތު ކުރުމަށް ވަނީ ހަމަޖައްސަވާފައެވެ. އަދި މި އަހަރު، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެއެވެ.