ޚަބަރު

މަގުހެދުމުގެ މަސައްކަތާއެކު ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރަށްވެސް ލުޔެއް


  • 260 މީޓަރުގެ އެއްގަމު ތޮށި ވަނީ ތަރައްޤީކޮށްފައި

  • ޕޭމަންޓް ބޮޑުކޮށް، މުދާ އެރުވުމުގެ މަސައްކަތްތަކަށްވެސް ވަނީ ލުއި ލިބިފައި

  • މަގު ފުޅާކުރުމުގެ ސަބަބުން، ތޮއްޖެހުމުގެ މައްސަލަ ވަނީ ހައްލުވެފައި

މާލޭގެ ބަނދަރު މަތީ ސަރަޙައްދު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެ ސަރަޙައްދު ބަންދުކުރީ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. މި މަޝްރޫޢުގައި ހިމަނައިގެން އެ ސަރަޙައްދުގެ ބަނދަރުން ބޮޑު ބައެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.

ބަނދަރުން ބަންދުކުރި ސަރަޙައްދު ހުޅުވާލާ މިހާރު ބޭނުންކުރަން ފަށާފަވާއިރު، ރަށްރަށަށް އަންނަ ބޯޓުތަކަށް މުދާ އަރުވާ ބޭލުމުގެ ކަންކަމަށްވެސް މިވަނީ ލުއިތައް ލިބިގެންގޮސްފައެވެ.

ބަނދަރުގެ އެއްގަމު ތޮށި ހެދުމަށް އެ ސަރަޙައްދުން އުޅަނދުތައް ނަގާ ބޮޑުތަކުރުފާނު މަގާއި އަދި ނޯތު ހާބަރުންވެސް ބޮޑު ބައެއް، އުޅަނދުތަކަށް ބަންދުކުރިއެވެ. އޭގެތެރޭގައި ރަށްރަށުން އަންނަ ބޯޓު ފަހަރުތައް ކައިރިކުރާ ބަނދަރު ސަރަޙައްދާއި އަދި މަސް ދޯނިތައް އަޅާ ސަރަޙައްދުވެސް ހިމެނެއެވެ.

ބާޒާރުމަތީގެ މަގު އަލަށް ތަރައްޤީކޮށް ހުޅުވިއިރު، ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް މިވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ. މަގު ހެދިއިރު، އެ ސަރަޙައްދުން ހަލާކުވެފައި އޮތް ބަނދަރުގެ އެއްގަމު ތޮށި، މުޅިން ވަނީ އައު ކޮށްފައެވެ. އެއީ 260 މީޓަރުގެ ސަރަޙައްދެކެވެ. އެއްގަމު ތޮށީގެ އިތުރުން، މުދާ އަރުވާ ބާލާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް ޕޭމަންޓް ވަނީ ތިން މީޓަރެއްހާ ފުޅާކޮށް ހަދާފައެވެ.

އަދި ބޯތުތަކަށް ބޭނުންވާ ފެނާއި ކަރަންޓު ފޯރުކޮށްދިނުމަށް، ވަކި ތަރުތީބަކުން ހަޓުތަކެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ގާތްގަނޑަކަށް މުޅި މަގުން 6 މީޓަރު ބޭރަށް ޖައްސާ އެ މަގު ވަނީ ފުޅާކޮށްފައެވެ.

މާލޭގެ ބާޒާރުމައްޗަކީ ރަށްރަށުން އަންނަ ބޯޓުތައް ކައިރިކުރާ ސަރަޙައްދުގެ އިތުރުން މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓުވެސް ހުންނަ ސަރަޙައްދަށް ވުމާއެކު ވަރަށް ތޮއްޖެހުން ބޮޑު އަދި ކާރޫބާރު ބޮޑު ސަރަހައްދެކެވެ.

މަގުގެ ޓްރެފިކް ތޮއްޖެހުމުގެ ދަތިކަން، ބޯޓުފަހަރަށް މުދާ ހިފައިންގެ އަންނަ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ކުރިމަތިވެއެވެ. މުދާ އަރުވައިގެން ދާ އުޅަނދު ބޯޓާ ހަމައަށް ދާން އެތައް ވަގުތެއް ނަގައެވެ. އަދި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން، ބޯޓަށް އެރުވުމަށް އެހާމެ ގިނަ ވަގުތު ނަގައެވެ. ފަހަތުގައި މަޑުކޮށްގެން ބަރުގޮނު އަޅާ އުޅަނދުތަކުން ލިބޭ ނުތަނަވަސްކަންވެސް އެހާމެ ބޮޑެވެ. ޚާއްސަކޮށް ރޯދަމަހު ބާޒާރުމަތީ ސަރަޙައްދުގެ ތޮއްޖެހުން އެތައް ގުނައަކުން ބޮޑުވެގެންދެއެވެ.

ނަމަވެސް މި އަހަރުގެ ރަމަޟާން މަހު މި މަންޒަރު ތަފާތެވެ. މުދާ އަރުވާ ބޭލުމަށް ބޯޓުފަހަރު ކައިރިއަށް މަޑުކުރުމަށް ވަކި ލޭނެއް މަގުގައި ވަނީ ކަނޑައަޅާފައެވެ. މިއާއެކުވެސް މަގުން ދުއްވާ އެހެން އުޅަނދުތަކަށް އެއްވެސް އިތުރު އުދަގުލަކާ ނުލާ، މަގުން ކުރިއަށް ދެވޭނެ ޖާގަ ވަނީ ތަނަވަސްވެފައެވެ.

މުދާއަރުވާ ބާލާ ވަގުތުގައި އެ އޮންނަ ތޮއްޖެހުމާއި، ކުރިއަށް ނުދެވި އެތަށް ވަގުތެއް މަގުގައި މަޑުކޮށްގެން ތިބެން ޖެހުނު ޖެހުމަށް މިހާރު ވަނީ ބޮޑުތަނުން ލުއި ލިބިފައެވެ.