އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހު 4ގައި ބޭއްވުމަށް ނިންމައިފިއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރީ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.
އުރީދޫއިން ވިދާޅުވީ އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކުން ޖަލްސާގައި ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށްކަމަށެވެ. އަދި އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ 128 ހިއްސާދާރުންނަށްކަމަށް އޫރިދޫއިން ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް، އެ މަޢުލޫމާތު 3 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، އަންގާނެކަމަށާއި މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 2 މާރިޗު 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި އޫރިދޫއިން ވިދާޅުވިއެވެ.
އުރީދޫގެ އަހަރީ ޖަލްސާގައި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2025 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2026 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިޚާބުކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބުކުރުން ހިމެނެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 12 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް އޫރުދޫއިން ވިދާޅުވިއެވެ. މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓު ލިބޭނެކަމަށް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.45 އާއި 9.30 އާ ދެމެދު އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ރަޖިސްޓަރ ކުރުން އެދެމެވެ. ޖަލްސާއަށް ހާޒިރުވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުމަށް ވަނީ އެދިފައެވެ.