ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ޔުވެންޓަސް އިން ގަލަތަސަރާއީ އާއި ދެކޮޅަށް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ގަލަތަސަރާއީ މޮޅުވެއްޖެ އެވެ.
ގަލަތަސަރާއީގެ ރަމްސް ޕާކްގައި ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއްވަނީ ފެނިގެންގޮސްފަ އެވެ.
މި މެޗުގެ 15 ވަނަ މިނިޓުގައި ގަލަތަސަރާއީގެ ގެބްރިއެލް ސަރާ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް އޭގެ ފަހުން މިނިޓެއްވެސް ނުވަނީސް ޔުވެންޓަސްގެ ތެއުން ކޫޕްމެއިނަރސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޔުވެންޓަސް އިން ވަނީ މެޗުގެ 32 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޫޕްމެއިނަރސް އެވެ.
ގަލަތަސަރާއީ އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ގަލަތަސަރާއީގެ ނޮއާ ލޭންގް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި މެޗުގެ 60 ވަނަ މިނިޓުގައި ޑެވިންސަން ސަންޗޭޒް ވަނީ ލަނޑެއް ޖަހާ މި މެޗުގައި ދެވަނަ ފަހަރަށް ގަލަތަސަރާއީ އަށް ކުރި ހޯދަދީފަ އެވެ.
ގަލަތަސަރާއީ އިން ދެވަނަ ފަހަރަށް ލީޑު ނެގިތާ ހަތްވަނަ މިނިޓުގައި ޔުވެންޓަސްގެ ހުއާން ކަބާލް އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފަ އެވެ. ކަބާލް އަށް ރަތް ކާޑު ދައްކާފައިވަނީ އޭނާ ދެވަނަ ހާފުގައި ކުޅެން އެރިތާ 21 ވަނަ މިނިޓުގަ އެވެ.
ޔުވެންޓަސް އިން އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން އެކަމުގެ ފައިދާ ނަގާ ގަލަތަސަރާއީ އިންވަނީ މެޗުގެ 74 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނޮއާ ލޭންގް އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ސަޗާ ބޮއޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ގަލަތަސަރާއީ އިން ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މި ދެ ޓީމުގެ ދެވަނަ ލެގު އަންނަ ބުދަ ދުވަހު އޮންނާނީ އިޓަލީގެ ޓިއުރިން ގައެވެ.