ޚަބަރު

މާފުށީގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި


  • މަޝްރޫޢުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާ

ކ.މާފުށީގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމާއި، އެރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ، އެކަމަށްޓަކައި މިއަދު މާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ކ. މާފުށީގައި އައު ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެރަށުގައި ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ އިތުރުން ނަރުދަމާ އައުޓްފްލޯއެއް އެޅުމާއި، މި މަޝްރޫޢު ނިންމުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަށް ސަރުކާރުން 57،402،888.14 ރުފިޔާ ޚަރަދު ކުރެއެވެ.

އަދި މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމުގެ އިތުރުން، ނަރުދަމާ ޖަންކްޝަން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ ތެރެއިން އައުޓް ފޯލް އެޅުމާއި، ދުވާލަކު 1500 ޓަނުގެ ފެން އުފެދޭވަރުގެ 2 ޓޭންކު ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭވަރުގެ 2 ޓޭންކު ބެހެއްޓުމުގެ އިތުރުން، ފެން މީޓަރުތައް ބެހެއްޓުމާއި، އައުޓްފޯލް އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުން ހިމެނެއެވެ. މި މަޝްރޫޢަށް ސަރުކާރުން 128،605،793.86 ރުފިޔާ ޚަރަދު ކުރެއެވެ.

މި ދެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ވަނީ، މި ދެ މަޝްރޫޢަކީވެސް އެރަށުގެ ރައްޔިތުންނަށާއި ރަށުގެ ތަރައްޤީއަށް މުހިންމު ދެ މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ.

" މި ދެ މަޝްރޫޢަކީވެސް މިރަށުގެ ރައްޔިތުންނަށާއި، ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ދެ މަޝްރޫޢު. އެނގިވަޑައިގަންނަވާނެ ފަދައިން މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގައި އެންމެ ކުރިއަރާފައިވާ އެއް ރަށް. މާފުއްޓަކީ، ލޯކަލް ޓޫރިޒަމުން އެންމެ ބޮޑު އާމްދަނީ ހޯދަ ދޭ އެއް ރަށް. އެހެންކަމުން މާފުށީގެ ރައްޔިތުން މި ދެންނެވި އެބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށާއި އަދި ދިރިއުޅުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށް ހިއްކާފައިވާ ސަރަހައްދު އާބާދު ކުރުމަށް ވަރަށް ބޮޑަށް ބޭނުންވޭ ". ވަޒީރު ވިދާޅުވިއެވެ.

މި ދެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ، އެމްޑަބްލިޔުއެސްސީއާއެވެ. އެ ކުންފުންޏާ މި ދެ މަޝްރޫޢު ހަވާލުކޮށްފައިވަނީ، 571 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.