ޚަބަރު

ރަމަޟާންމަހު އެމްޓީސީސީ ފެރީއާއި ބަހުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް


  • މާލެ-ހުޅުމާލެ ބަހުގެ ޚިދުމަތް ހަވީރު 5:00އިން 7:00އަށް މެދުކެނޑޭނެ

  • މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ހަވީރު 5:50އިން 7:00އަށް މެދުކެނޑޭނެ

ރަމަޟާންމަހު މާލެ ސިޓީގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުވެސް އެކުންފުނިން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ފެރީއާއި ބަހުގެ ޚިދުމަތުގެ ދަތުރުތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ، މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާންމު ފެރީ ދަތުރުތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ހަވީރު 5:50 އިން 7:00އާ ހަމައަށް މެދުކަނޑައިލާނެކަމަށެވެ.

އަދި މާލޭ-ތިލަފުށި ފެރީ ހަވީރު 5:00 އިން 7:00އާ ހަމައަށް މެދުކަނޑައިލުމަށް ހަމަޖެހިފައިވާކަމަށާއި، މާލެ- ގުޅީފަޅު ފެރީ ރޫޓް 4:15 އިން 5:00އާ ހަމައަށް މެދުކަނޑައިލާނެކަމަށެވެ. އަދި ހުޅުމާލެ- މާލެ ފެރީގެ ޚިދުމަތްް 3:00ގެ ފަހުން މެދުކަނޑައިލާނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާރްޓީއެލް ބަހުގެ ދަތުރުތައް ކުރާ ގަޑިތަކަށްވެސް އެމްޓީސީސީން ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން މާލެ-ހުޅުމާލެ، ހުޅުމާލެ- އެއާޕޯޓު، މާލެ- އެއާޕޯޓު ބަހުގެ ޚިދުމަތް ހަވީރު 5:00އިން 7:00އާ ހަމަށް މެދުކަނޑައިލާނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ، ހުޅުމާލެ އިންޓަރނަލް ބަހުގެ ޚިދުމަތް ހަވީރު 5:15އިން 7:15އަށް މެދުކަނޑައިލެވޭނެކަމަށެވެ. އަދި މާލެ އިންޓާނަލް ބަހާއި، ވިލިމާލެ ބަހުގެ ޚިދުމަތް ގެ ޚިދުމަތް އިރުއޮއްސި 6:00އިން ރޭގަނޑު 9:00އަށް މެދުކަނޑައިލެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ރަމަޟާންމަހު އާރްޓީއެލް ފެރީ އާއި ބަހުގެ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތަވާލުކުރެވިފައިވާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، ލުއިފަސޭހަ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުންކަން އެކުންފުނިން ފާހަގަކުރެއެވެ.